ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ އޯގާތެރި ސަރުކާރުގެ ދަށުން ސިއްހީ ދާއިރާއިން ހާސިލު ކުރުމަށް 11 ކަމެއް ކަނޑައަޅާފައި ވެއެވެ.

ފަސް ދާއިރާއަކަށް ބެހިގެން އަންނަ އޯގާތެރި ސަރުކާރަކީ، މި ޕްލޭން ބިނާވެގެންވާ މައިގަނޑު ފަސް ކަމުގެ ތެރެއިން އެއް ކަމެވެ. އޯގާތެރި ސަރުކާރުގެ ދަށުން ހާސިލު ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 30 ކަމެކެވެ. ސަރުކާރުގެ ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި، އެކަންތައް ކުރާނެ ތާރީހާއި، އިތުރު ތަފްސީލުތަކާ އެކު އެކުލަވާލާފައިވާ ޕްލޭން އިފްތިތާހު ކޮށްފައިވަނީ ރެއެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން އޯގާތެރި ސަރުކާރުގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ:

ސިއްހަތު

ސިއްހަތުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ 11 ކަމެކެވެ. އެ 11 ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

އައިޖީއެމްއެޗްގެ މެއިން އޯޕީޑީ / ފޮޓޯ: އައިޝަތު ޝާޒުލީން | ދަ ޕްރެސް

މި ދާއިރާއިން، 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އާސަންދް މެދުވެރިކޮށް މެންޓަލް ހެލްތާ ގުޅުންހުރި ހިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، ގައުމީ އެބްބިއުލަންސްގެ ހިދުމަތް ގާއިމްވެ، ހިދުމަތް ދެމުން ގެންދިއުމާއި، ރަށު ފެންވަރުގައި ޕްރޮފެޝަނަލް ގިންތީގެ އަސާސީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން އެންމެ މަދުވެގެން 200 ފަރާތަށް ތަމްރީނު ފޯރުކޮށްދެވިފައިވުމުގެ އިތުރުން، އެންމެ މަދުވެގެން ދެ ސަރަހައްދެއްގައި ސާމްޕަލް ޓްރާންސްފާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުން އަދި ރީޖަނަލް އާބަން ސެންޓަރުތަކުގައި އެންމެ މަދުވެގެން ފަސް ޓާޝަރީ ހޮސްޕިޓަލު ފުރިހަމައަށް ހިންގަމުން ގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް އެއް ވިއުގައަކުން ގުޅާލުމާއި، އަސާސީ ބޭސް ބޭހުގެ އަގު 2018 ވަނަ އަހަރާ އަޅާ ބަލާއިރު 33 ޕަސެންޓް ދަށް ކުރުން އަދި ކޮންމެ ރަށެއްގައި ވެސް ގެއަށް ޒިޔާރަތްކޮށް، ހެލްތް ޗެކްއަޕް ހަދައިދީ، ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ތަމްރީނު ލިބިފައިވާ ވިލި ސިއްހީ ހިދުމަތްތެރިން ނުވަތަ ކޮމިއުނިޓީ ހެލްތް ވޯކަރުން ތިބުމުގެ އިތުރުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ފަރުވާކުޑަ ކުރުމުގެ ސަބަބުން ފެންމަތިވާ މައްސަލަތަކުގެ ތެރެއިން 75 ޕަސެންޓް މައްސަލަތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ބެލިފައިވުން ހިމެނެއެވެ.

އަދި ހިތުގެ ބަލިތަކާއި، ކެންސަރު، ހަކުރު ބަލި، ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުން މަރުވާ މީިހުންގެ ނިސްބަތް 2018 ވަނަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓް ދަށް ކުރުމާއި ތަމްރީނު ލިބިފަިއވާ ފޫޅުމައިންނާއި އެހެނިހެން އަސާސީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ވިހެއުމާއި ގުޅޭ އެންމެހާ އަސާސީ ހިދުމަތްތައް ސިއްހީ ދާއިރާގެ ހުރިހާ ހަރުފަތެއްގައި ވެސް ލިބެން ހުރުން ވެސް ސިއްހަތުގެ ދާއިރާއިން ކުރުނަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ތައުލީމު

ތައުލީމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަ ކަމެކެވެ. އެ ހަ ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

އަމީނިއްޔާ ސްކޫލުގައި ބޭއްވި ރީޑީން ޕްރޮގްރާމެއްގެ ތެރެއިން / ފައިލް ފޮޓޯ: ޓްވިޓާ

މި ދާއިރާއިން، 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ކިޔެވުމަށް ދަށް ކުދިންގެ ތެރެއިން 30 ޕަސެންޓް ކުދިންގެ ދަސްކުރުމުގެ ހީނަރުކަން ނުވަތަ ލާނިން ގެޕް 2018 ަވަނ އަހަރާ އަޅާ ބަލާއިރު 50 ޕަސެންޓް ދަށް ކުރުމާއި، ޓީޗަރުން ކޮމްޕިޓަންސީ 90 ޕަސެންޓް ސްޓެންޑަޑްސް އަށް ފެއްތުން އަދި ހުރިހާ ސްކޫލެއްގައި ސައިކޯ-ސޯޝަލްސަޕޯޓް، ތަމްރީން ލިބިިފައިވާ ކައުންސިލުން މެދުވެރިކޮށް ލިބެން ހުރުން ހިމެނެއެވެ. އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ހުންނަ ހުރިހާ ކުދިންނަށް ހާއްސަ ތައުލީމު ދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް ތައުލީމް ފޯރުކޮސްދިނުމާއި، ހުރިހާ ސްކޫލެއްގައި ކިޔަވާކުދިންނާއި ރަށްޓެހި އައިސީޓީ ވަސީލަތްތައް ގާއިމްވެފައިވުމުގެ އިތުރުން ސަރުކާރު ސަރުކާރު ހުރިހާ ސްކޫލްތަކަކީ ސިންގަލް ސެޝަން ސްކޫލްތައް ކަމުގައި ހެދުން ވެސް ތައުލީމުގެ ދާއިރާއިން ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މަތީ ތައުލީމު

މަތީ ތައުލީމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަ ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ފަސް ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

ސައިރިކްސް ކޮލެޖުގެ ކްލާހެއްގެ ތެރެ / ފޮޓޯ: ސައިރިކްސް ކޮލެޖް ވެބްސައިޓް

މަތީ ތައުލީމުގެ ދާއިރާއިން 2021 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ ލޯން އިންޓްރެސްޓް ރޭޓް 1 ޕަސެންޓަށް ދަށްކުރުމެވެ.

މި ދާއިރާއިން، 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ތެރެއިން 25000 ފަރާތަކަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމާއި، ފަސް ސަރަހައްދެއްގައި މަތީ ތައުލީމުދޭ ފަސް ސަރަހައްދެއް ގާއިމް ކުރުން އަދި ފާހަގަ ކުރެވިފައިވާ ފަސް ސަރަހައްދެއްގައި ފަސް ޖޫނިއާ ކޮލެޖު ގާއިމް ކުރުން ހިމެނެއެވެ. އަދި ގައުމީ ތަރައްގީއާ ގުޅުންހުރި ދާއިރާތަކުން ކުރިއަށްގެންދެވޭ 30 ދިރާސާކުރާ ޕްރޮޖެކްޓެކަށް ނެޝަނަލް ރިސާޗް ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ރީޖަނަލް އާބަން ފަސް ސެންޓަރުގައި ޒަމާނީ ފެންވަރުގެ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ތަމްރީނު ފޯރުކޮށްދޭ ފަސް މަރުކަޒު ގާއިމް ކުރުން ވެސް މަތީ ތައުލީމުގެ ދާއިރާއިން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

އިޖުތިމާއީ ރައްކާތެރިކަން

އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ތިން ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

އިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އަތުގުޅާލުމުގެ ހަރަކާތުގެ ތެރެއިން ސްކޫލް ކުދިން ގައުމީ ހެދުމުގައި / ފޮޓޯ: ދަ ޕްރެސް

އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން 2021 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ އަމިއްލަ ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ކްރިޓިކަލް އަދި ކްރޯނިކް ބަލިތަކުގެ ތެރެއިން ވަކި ބަލިތަކަކަށް ހާއްސަކޮށްގެން އާސަންދަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމެވެ.

މި ދާއިރާއިން، 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގެ ދެ ސަރަހައްދެއްގައި ދެ އިސްރަށްވެހިންގެ ހިޔާ ގާއިމް ކުރެވިފައިވުމާއި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ސަރުކާރުން ސަބްސިޑައިޒް ކޮށްފައިވާ ތިން ޑޭ ކެއާ ސެންޓަރު ގާއިމް ކުރެވިފައިވުން ހިމެނެއެވެ. އަދި އެއް ހަމަކޮސްގައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއްގެ ތެރެއިން އެފަދަ ރައްކާތެރިކަން ބޭނުންވާ މީހުންގެ 70 ޕަސެންޓް ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުން ވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމާއި ރިހިބިލިޓޭޝަން

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމާއި ރިހިބިލިޓޭޝަންގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ތިން ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ދެ ކަމަކާއި 2021 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

ގދ.ކާޑެއްދޫއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި / ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމާއި ރިހިބިލިޓޭޝަންގެ ދާއިރާއިން 2021 ވަނަ އަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ މަސްތުވާތަކެތީގެ ބޭނުން ކުރުން ހުއްޓުވުމާއި ހޭލުންތެރިކުރުވުމުގެ ރޮގުން 100 ޓްރެއިނަރުން ސަޓިފައިި ކުރުމެވެ.

މި ދާއިރާއިން، 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް އެފަރުވާ ލިބޭނެ މަގު ފަހި ކޮށްދިނުމާއި، 20 އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި ގުޅުންހުރި ތައުލީމު ދޭ، ސަޓިފައި ކުރެވިފައިވާ ފަރާތްތައް މެދުވެރިކޮށް، އެފަދަ ތައުލީމު އަތޮޅު ވިލި އަށް ފޯރުކޮށްދިނުމެވެ.