ކުރީ ސަރުކާރުގައި ގާނޫނު ހަދާ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ވަކި ބަޔަކަށް ވެރިކަން ދިނުމަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 9/2009، ރައީސް ކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ މަޖިލީހުގައި ކުރިއަށް ގެންގޮސްފައެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން، ވައިކަރަދޫ ދާއިރާގެ މެންބަރު ވިދާޅުވީ، މީގެ ކުރިން ރައީސްކަން ކުރައްވަންވެސް ވަކި ބަޔަކަށް ވަޑައިނުގެންނެވޭނެ ގޮތަށް އިސްލާހު ގެނެސްފައި ހުރިކަމަށެވެ. އެ ގޮތުން ޒިޔާދު މިސާލު ޖައްސަވާފައި ގާސިމް އިބްރާހިމަށް ރައްދުވާނެހެން، 'މާމިގިލި ދާއިރާއަށް އުފަން ވިޔަފާރިވެރިއަކަށް، ދެން ވެރިކަމަކަށް ނާދެވޭނެ ގޮތަށް ހެދުމަށް އިސްލާހު ގެނެސްފައިވާ' ކަމަށް ވިދާޅުވެއެވެ. އެއީ 65 އަހަރުން މަތީ މީހުންނަށް ރައީސްކަން ނުކުރެވޭނެ ކަމަށް ގެނައި އިސްލާހު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވަކި މީހަކަށް ނައިބު ރައީސް ކަން ދިނުމަށް މަސައްކަތް ކޮށްފައިވާ ކަން ފާހަގަކޮށްލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ވުދާޅުވީ، 'ދެން ދިވެހިރާއްޖޭގައި ނައިބު ރައީސް ކަން ކުރެވޭނީ އުމުރުން 35 އަހަރުން ދަށް، 90 ކިލޯއަށްވުރެ ބަރު، ފްރެންޗް ބިއާޑްލީ، ތަރިތަކުން ވައްކަން ކުރާ މީހަކަށް' ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އަހުމަދު އަދީބަށެވެ.

"އެބަހުރި ވަކިވަކި ބޭފުޅުންގެ ނަންނަމުގައިވެސް ގާތްގަނަޑަކަށް ގާނޫނު ހެދިފައި، މިސާލަކަށް މާމިގިލި ދާއިރާއަށް އުފަން ވިޔަފާރިވެރިއަކަށް، ދެން ވެރިކަމަކަށް ނާދެވޭނެ 65 އަހަރުން މަތީ މީހުންނަށް، ހަމަ އެބޭނުމުގައި އެ ގާނޫނަށް އިސްލާހު ގެނައީ. ގާނޫނު އަސާސީއަށްވެސް ހަމަ އެހެން. ދެން ދިވެހިރާއްޖޭގައި ވެރިކަން ކުރެވޭނީ 35 އަހަރުން ދަށް 90 ކިލޯއަށް ވުރެ ބަރު، ފްރެންޗް ބިއާޑްލީ، ތަރިތަކުން ވައްކަން ކުރާ ކުއްޖަކަށޭ. ނައިބު ރައީސްކަން ލިބޭނީ."
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ސަރުކާރެއް އައިސް ވެރިކަމާ އެ ސަރުކާރަކުން ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކަށައަޅާ އެ ޕްލޭނެއް ގެނައުން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭގެ ބަދަލުގައި އޭނާއަށް ފެނިވަޑައިގަތީ ވޭތުވެ ދިޔަ ތަނުގައި ވެރިކަމާ ހަވާލުވުމާއެކު ގާނޫނަށާއި ގާނޫނު އަސާސީއަށް އެބޭފުޅުން ބޭނުންވާ ބަދަލުތަކެއް ބޭނުން ގޮތަކަށް ގެނެސް އިސްލާހުކޮށް ވެރިކަން ކުރަމުން ދިޔަ މަންޒަރު ކަމަށް ޒިޔާދު ވިދާޅުވިއެވެ.

ހަގީގަތުގައި ގާނޫނު އަސާސީގައި ވެސް މި ބުނަނީ، ގާނޫނުތަކާ އެއްގޮތަށް ވެރިކަން ކޮށްފައިވާ ވެރިންނަށް އިނާޔަތްދޭ ވާހަކަ ކަމަށް ޒިޔާދު ފާހަގަ ކުރެއްވިއެވެ. އެއީ ގާނޫނުތައް ހިތުހުރި ގޮތަކަށް ބަދަލުކޮށްގެން އެ ބޭފުޅުން ބޭނުންވާހާ ގޮތަކަށް ގާނޫނުތައް މާނަކޮށްގެން ވެރިކަން ކުރާ ވެރިންގެ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.