ރޭ އިފްތިތާހު ކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ ނޫ އިގްތިސޯދުގެ ދަށުން 29 ކަމެއް ހާސިލު ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މައިގަނޑު ފަސް ކަމެއްގެ މައްޗަށް ބިނާކޮށް އެކުލަވާލި މި ޕްލޭނަކީ، ސަރުކާރުގެ ފަސް އަހަރުގެ ދައުރަށް މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި، އެކަންތައް ކުރާނެ ތާރީހާއި، އިތުރު ތަފްސީލުތަކާ އެކު އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލާފައި ވަނީ، ޖަޒީރާ ދިރިއުޅުން، ހެޔޮ ވެރިކަން، ފަހުރުވެރި އާއިލާގެ އިތުރުން އޯގާތެރި ސަރުކާރު އަދި ނޫ އިގްތިސޯދުގެ މައްޗަށެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ނޫ އިގްތިސޯދުގައި ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަކީ:

މަސްވެރިކަން

މަސްވެރިކަމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އެ ހަތަރު ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

މަސްވެރިން މަސް ބާނަނީ / ފޮޓޯ: ދިވެހި މަސްވެރިން

އޭގެ ތެރޭގައި، 2019 ވަނަ އަހަރާ އަޅާބަލާއިރު އައިސް ހެދުމުގެ ގާބިލުކަން މަދުވެގެން 40 ޕަސެންޓަށް އިތުރު ކޮށް ދެމެހެއްޓުމާއި، މަދުވެގެން 50 މިލިއަން ރުފިޔާގެ ލޯނުގެ ގޮތުގައި ކުދި މަސްވެރި ވިޔަފާރިތަކަށް ދިނުން ހިމެނެއެވެ. އަދި ކަނޑައެޅިފައިވާ 15 ކޮރަލް ރީފް މޮނިޓަރިން ސަރަހައްދުތަކުގެ ތެރެއިން މަދުވެގެން ހަތް ސަރަހައްދެއް މޮނިޓާކޮށް، ފަރުތަކުގެ އިކޯސިސްޓަމްތަކުގެ ހާލަތު އަހަރަކު އެއްފަހަރު ޝާއިއުކުރުމާއި، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ވިޔަފާރިތަކުގެ ތެރެއިން މަދުވެގެން 75 ޕަސެންޓް ފަހި ހަކަތަ ސްކީމް، ނުވަތަ ޑީސަލް ޑިއުޓީ މައާފުކޮށްދިނުމުގެ ސްކީމްގެ ބޭނުންކޮށްފައިވުން ވެސް މަސްވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނެއެވެ.

ދަނޑުވެރިކަން

ދަނޑުވެރިކަމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އެ ހަތަރު ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ސަރަހައްދު / ފޮޓޯ: ޝަރުވާން

އޭގެ ތެރޭގައި، މަދުވެގެން 50 އައިޕީއެމް ގައިޑްލައިންތައް ތަންފީޒު ކުރެވިފައިވުމާއި، ލޯން ސްކީމްގެ ފައިދާ 300 އަންހެނުން ހިމެނޭ ގޮތަށް، މަދުވެގެން 1500 ދަނޑުވެރިންނާއި، 10 ދަނޑުވެރި ވިޔަފާރި ތަކަށް ލިބިފައިވުން ހިމެނެއެވެ. އަސި މަދުވެގެން 20 ޕަސެންޓްގެ ދަނޑުތަކަކީ އެމްގެޕް ސާޓިފައިޑް ދަނޑު ކަމަށް ވުމާއި، އިމްޕޯޓް ސަބްސްޓިޓިއުޝަން ދޭ ދަނޑުގޮވާމަށް ހާއްސަ ކޮށްގެން ދަނޑުވެރިކަމުގެ ފުރުސަތު އޮތް މަދުވެގެން 40 ރަށަށް ދަނޑުވެރިކަމަށް ބޭނުންވާ ސާމާނާއި ޓްރެއިނިން ދެވިފައިވުން ވެސް ދަނޑުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނެއެވެ.

ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތަރު ކަމެކެވެ. އެ ހަތަރު ކަމަކީ ވެސް 2023 ވަނަ އަހަރަށް ނިންމުމަށް މުއްދަތު ޖަހާފައިވާ ކަންތައްތަކެވެ.

ޑިވްކުރަން އުޅޭ ފަތުރުވެރިންތަކެއް

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު 35000 އެނދު އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ޓްރެއިނިން ފަންޑުން މަދުވެގެން 30000 މީހުންނަށް މަންފާ ކޮށްފައި ވުމުގެ އިތުރުން، ގެސްޓް ހައުސްގެ ވިޔަފާރި ކުރާ ރަށްތަކުގެ ތެރެއިން މަދުވެގެން 50 ޕަސެންޓް ރަށުގައި އެރަށުގެ ރަށު ވެބްސައިޓް ގާއިމް ކޮށް ހިންގަން ފެށުން ހިމެނެއެވެ. އަދި ދުނިޔޭގެ ހާއްސަ ޓުއަރިސްޓް މާކެޓްތައް ކަމުގައިިވާ ރަޝިޔާ، އިންޑިއާ، މެދުއިރުމަތި އަދި ޗައިނާގެ އިތުރުން އެހެނިހެން މިފަދަ މާކެޓްތަކުން އަންނަ ޓޫރިސްޓުންގެ ނިސްބަތް 2018 ވަނަ އަހަރުގެ ނިސްބަތާ އަޅާބަލާއިރު 20 ޕަސެންޓް އިތުރުވެފައިވުން ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ފަސް ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ތިން ކަމަކާއި 2022 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމަކާއި، 2021 ވަނަ އަހަރަށް މުއްދަތު ޖަހާފަިއވާ ކަމެއް ހިމެނެއެވެ.

ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެއްގައި ވިޔަފާރިކުރާ ބިދޭސީއެއް / ފޮޓޯ: ދަޕްރެސް

މި ދާއިރާއިން 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، އެސްއެމްއީތަކަށް ބައިނަލްއަގްވާމީ ވިޔަފާރިތައް ކުރުމަށް އަގުހެޔޮ އަދި އެކަށޭނެ ޕޭމަންޓް ގޭޓްވޭއެއް ހުރުމާއި، ގްރީން އެސްއެމްއީ އިނިޝިއޭޓިވްގެ ދަށުން މަދުވެގެން 50 އެސްއެމްއީ ގްރީމް ޓެކްނޮލޮޖީއަށް ބަދަލު ކުރުން އަދި ރަޖިސްޓްރީ ކޮށްފައިވާ އެސްއެމްއީތަކުގެ 60 ޕަސެންޓަށް ވިޔަފާރި އާއި ގުޅޭ ތަމްރީނު ލިބިފައިވުން ހިމެނެއެވެ.

މި ދާއިރާއިން 2022 ވަނަ އަހަރު ގައުމީ މުއައްސަސާތަކުން ބަލައިގަންނަ އެސްއެމްއީގެ ޑެފިނިޝަނެއް އިންސްޓިޓިއުޝަނަލް ކުރުމަށް ކަނޑައަޅާފައިވާއިރު، 2021 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވަނީ އެސްޑީއެފްސީގެ ލޯނުގެ ޕޯޓްފޯލިއޯގެ 40 ޕަސެންޓް އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ލިބުމަށެވެ.

އިންސާނީ ވަސީލަތްތަކާއި ވަޒީފާ އަދި މައިގްރޭޝަން

އިންސާނީ ވަސީލަތްތަކާއި ވަޒީފާ އަދި މައިގްރޭޝަންގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ފަސް ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ހަތަރު ކަމަކާއި 2019 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

ބިދޭސީންތަކެއް މަސައްކަތް ކުރަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

އިންސާނީ ވަސީލަތްތަކާއި ވަޒީފާ އަދި މައިގްރޭޝަންގެ ދާއިރާއިން މިއަހަރު ނިންމުމަށް ކަނޑައަޅާފައިވާ ކަމަކީ މިނިމަމް ވޭޖް ކަނޑައެޅުމެވެ.

މި ދާއިރާއިން 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މުހިންމު އިންޑަސްޓްރީތަކުގެ އޮކިއުޕެޝަނަލް ހެލްތް އަދި ސޭފްޓީ ސްޓެންޑާޑްތައް މޮނިޓާ ކުރާނެ ސިސްޓަމެއް އެކުލަވާލުމާއި ހާއްސަ އެހީއަށް ބޭނުންވާ 250 ފަރާތަކަށް ފްލެކްސިބަލް ވޯކިން އެރޭންޖްމަންޓް ގާއިމް ކުރުމުގެ އިތުރުން، ޖިބް ސެންޓަރު ތަކުގެ އެމްޕްލޯއިމަންޓް ސަޕޯޓް ސާވިސްގެ ފައިދާ ހޯދި މީިހުންގެ އަދަދު 10000 އަށް އެރުވުން އަދި 2018 ވަނަ އަހަރުގެ މިންގަޑާއި އަޅާ ބަލާއިރު، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 33 ޕަސެންޓަށް ދަށް ކުރުން ހިމެނެއެވެ.

އިގްތިސޯދު ސިންދަފާތުކުރުން

އިގްތިސޯދު ސިންދަފާތުކުރުމުގެ ދާއިރާއިން މި ފަސް އަހަރުގައި ކުރުމަށް ކަނޑައަޅާފައި ވަނީ ޖުމްލަ ހަތް ކަމެކެވެ. އޭގެ ތެރޭގައި 2023 ވަނަ އަހަރަށް މުއްދަތު ޖަހާފައިވާ ހަ ކަމަކާއި 2022 ވަނަ އަހަރަށް މުއްދަތު ޖަހާފައިިވާ ކަމެއް ހިމެނެއެވެ.

ހުޅުމާލެ ފޭސް ދޭއް / ފޮޓޯ: ޓްވިޓާ

އިގްތިސޯދު ސިންދަފާތުކުރުމުގެ ދާއިރާއިން 2022 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަމަކީ، ގުޅިފަޅު ޕޯޓް މަޝްރޫއު ނިމި، ހިދުމަތް ދޭން ފެށުމެވެ.

މި ދާއިރާއިން 2023 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ 80 ޕަސެންޓް އޮންލައިންކޮށް ފޯރުކޮށްދިނުމާއި، ލައިޓް އިންޑަސްޓްރިއަލް އަދި އުފެއްދުންތެރިކަމުގެ ޒޯންތަކެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމްކޮށް ހިންގުމުގެ އިތުރުން ވިޔަފާރި ކުރާ ފަރާތްތަކުން މުދާ އެތެރެކޮށް އެކްސްޕޯޓް ކުރުމުގެ މުއާމަލާތުތައް ޕްރޮސެސް ކުރުމަށް ހޭދަވާ ވަގުތު 25 ޕަސެންޓަށް މަދުކުރުން ހިމެނެއެވެ. އަދި ދެ ފަރާތާއެކު މަދުވެގެން ދެ އިންވެސްޓްމަންޓް ޕްރޮމޯޝަން އެއްބަސްވުންތަކުގައި ސޮއި ކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދެކުނު އޭޝިއާގެ އެންމެ ރަނގަޅު އެއާޕޯޓްތަކުގައު ތެރެއިން ހިމެނުން އަދި ރާއްޖޭގެ އާމްދަނީ އިން ޓެކްސް ނެގުން ވެސް މި ދާއިރާއިން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައިި ހިމެނެއެވެ.