މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ތުހުމަތުތަކެއް ކޮށްފައިވާ އިންޓެލް ދެ ފުލުހުން ރިޝްވަތުގެ މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ، ރިޟްވާން މައްސަލާގައި ހިމެނޭ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހާއި އިބްރާހިމް ރިއްފަތު ވަޒީފާއިން ވަކިކުރީ، ރިޟްވާންގެ މައްސަލައާ ގުޅިގެން ނޫން ކަމަށެވެ. އަދި އެ މީހުން ވަކިކުރީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތްޕުޅުން ފައިސާތަކެއް ނެގި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުން ހާމަވާ ގޮތުގައި، މި ދެ މީހުން 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރިޟްވާންގެ ފޯނު ކޯލުތައް އިންޓަސެޕްޓުކޮށް އަޑު އަހަމުން ގެންދިޔަ ކަމަށާއި، ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ކަމަށް ބުނެފައި ވެއެވެ.

މަރު ކޮމިޝަނުގެ ރިޕޯޓު އާންމު ކުރުުމުން، އެ ދެ ފުލުހުން ވަނީ ވަޒީފާގެ މަސްއޫލިިއްޔަތުތަކުން ދުރު ކޮށްފައެވެ. މީގެ އިތުރުން ރިޟްވާން މައްސަލައާ ގުޅިގެން އެ ދެ ފުލުހުން ހައްޔަރު ކުރުމަށް ބަންޑާރަނައިބު ފުލުހުންނަށް އެންގަވާފައިވީ ނަމަވެސް، އެ މީހުން ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދެވޭނީ މަރު ކޮމިޝަނަށް ކަމަށް ބުނެ އެ ދެ ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ.