މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) މާލެ ސިޓީގައި ނަރުދަމާއާ ބެހޭ ސާވޭއެއް ހިންގަން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ނަރުދަމާއާ ބެހޭ ސާވޭއެއް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ. މި ސާވޭ ހިންގާނީ ދޮރުން ދޮރަށް ކަމަށް އެ ކުންގފުނިން ބުނެއެވެ.

މި ސާވޭ ހިންގުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ، މާލެ ސީޓީގެ ރައްޔިތުންނަށް ނަރުދަމާގެ ނިޒާމުން މި ވަގުތު ފާހަގަކުރެވޭ ދަތިތަކާއި މައްސަލަތައް ދެނެގަތުމަށް ކަމަށެވެ. މި ސާވޭގެ ސަބަބުން އިތުރަށް އެ ކުންފުނިން އިސްލާހު ކުރަން ޖެހޭ ކަންކަންވެސް ދެނެގަނެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، ސާވޭ ހިނގުމަށް އެ ކުންފުނިން ފޮނުވާ މުވައްޒަފުން ތިބޭނީ އަބަދުވެސް ކުންފުނީގެ ނިޝާން ޖަހާފައިވާ ފާސް އަލައިގެން ކަމަށާއި މި ސާވޭގައި ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

އެމްޑަބްލިއުއެސްސީއިން ފެނާއި ނަރުދަމާގެ ހިދުމަތް މާލޭގެ އިތުރުން ކ. މާފުއްޓާއި ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފޯރުކޮށްދެއެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެ ކުންފުނީން ދަނީ އިންޖިނިއަރިން އަދި މެނުފެކްޗަރިން ދާއިރާގައިވެސް ކުރި ހޯދަމުންނެވެ.