މިދިޔަ މަހު 20 ވަނަ ދުވަހު، ހ. ތިމާވެށީގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމް ހަމާލާއެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ އެއްވެސް ހެއްކެއް ނެތި ކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ، މުއިއްޒު އެފަދައިން ވިދާޅުވުމާއި ގުޅިގެން ފުލުހުން ވަނީ އޭނާއާ ސުވާލު ކޮށްފައި ކަމަށެވެ. އަދި އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމް ހަމަލާއެއް ކަމަށް މުއިއްޒު ވިދާޅުވީ، އެއްވެސް މައުލޫމާތެއް ލިބިގެން ނޫން ކަމަށާއި، އެއީ އަމިއްލައަށް ހީފުޅުވި އެއްޗެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އެ ފަރާތުން ކުރި ތަހުގީގަށް، އެ ހާދިސާއަކީ ރޭވިގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމުގެ އެއްވެސް ހެއްކެތް ލިބިފައި ނުވާ ކަމަށެވެ. މި ހާދިސާގެ ތަހުގީގުގައި، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ފޮރެންސިކްސް ޓީމް ދަނީ މި ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މިދިޔަ ހޯމް ދުވަހު ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ވެސް ޓެރަރިސްޓް ހަމަލާއެއް ނުވަތަ މީހަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭނެ އެއްވެސް ހެެއްކެއް ލިބިފައި ނުވާ ކަމަށެވެ.
މިދިޔަ މަހު 20 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އާޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަމާއި އެންމއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާމެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.