ރ. އުނގޫފާރު ކައުންސިލުން ބުޅާ މަދުކުރަން ބުޅާ މަރާ ވާހަކަ އިއުލާނުކޮށް ގެޒެޓް ކުރުމަށް ފަހު، މީހުންގެ ފާޑިކއުމާއެކު ރާގު ބަދަލުކޮށް ބުޅާ މަރަން ނުބުނާކަމަށާއި ބުނީ މަދު ކުރަން ކަމަށް ބުނެފިއެވެ.

އުނގޫފާރު ކައުންސިލުން ކުރި އިއުލާނުގައި ބުޅާ މަރަން އެދިފައި ނުވާ ކަމަށާ ބުނީ މަދުކުރަން ކަމަށް ބުންޏަސް ކައުންސިލާ ހަވާލު ކުރާ ކޮންމެ 3 ބުޅަލަކަށް 100 ރުފިޔާ ދޭނެ ކަމަށްވެސް ބުނެ އިއުލާނެއް ގެޒެޓް ކުރިއެވެ.

މިކަމާ ގުޅޭ ގޮތުން އުނގޫފާރުގެ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އަފްލާހް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބުޅާ މެރުމަށް އެ އިދާރާއިން ނެރުނު އިއުލާނުގައި ބުނެފައި ނުވާނެ ކަމަށެވެ. މި ވަގުތު އެ ރަށުގައި އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތް ނުދެވޭތީ ފެން ނަގަންޖެހެނީ ފުރާޅުން ކަމަށާއި އެހެންކަމުން ބުޅާ ގިނަވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވާ ކަމުގެ ޝަކުވާ އައިސްފައިވާ ކަމަށް އަފްލާހް ވިދާޅުވިއެވެ.

"އެއްގޮތަކަށްވެސް ބުޅާ މަރާކަށް ނުބުނަން. ބުޅާ މަދުކުރަން ޕްރޮގްރާމެއް ހިނގާ ވާހަކަ ބުނެފައި ވާނީ"
އުނގޫފާރު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އަފްލާހް

ނޫސްތަކުގައި ފެތުރި ހަބަރުތަކަށް ރައްދު ދެއްވަމުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބުޅާ ގަސްތުގައި މަރަން ނުވާނެ ކަމަށެވެ. މީދަލާއި ބުޅަލާއި ތަފާތު ކަން ފާހަގަކުރައްވަމުން މުސްތަފާ ވިދާޅުވީ، ބުޅާ މަރާ މީހުންނަކީ ރަހުމު ކުޑަ ބައެއް ކަމަށެވެ.

މާޅޮސް މަޑުލު އުތުރު ބުރީ އުނގޫފާރު ކައުންސިލުން މިއަދު ކުރި އިއުލާނުގައި، ބުޅަލުގެ ސަބަބުން ފުރާޅުން ފެން ނަގަން އުނދަގޫވާ ކަމަށާއި، އަދި މީހުންނަށް އުނދަގޫވާތީ އެކަމުގެ ޝަކުވާތައް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ބުނެއެވެ. އެގޮތުން އެރަށުން ވަނީ ބުޅާ މަދު ކުރުމަށް ޕްރޮގްރާމެއް ހިންގަން އުޅޭ ކަމަށްވެސް ބުނެއެވެ.

އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބޭނުމަކީ ބުޅަލުގެ އުނދަގޫ ކުޑަކުރުމަށް ހިނގާ ޕްރޮގްރާމެއް ކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ. އެ ގޮތުން މީހުން އޮޅުކޮށްގެން ގެނގުޅޭ ބުޅާ އެހެން މީހުންނަށް އުނދަގޫ ނުވާނެެ ގޮތަށް ގެންގުޅުމަށާއި، އަދި ބުޅާ މަދުކުރުމަށް ބުޅާ ހިފާ ކައުންސިލާ ހަވާލުކުރުމަށް އެ އިއުލާނުގައި އެދިފައި ވެއެވެ. އެގޮތުން ކައުންސިލާ ހަވާލުކުރާ ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލާ ބުޅާ ހަވާލުކުރަން ވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން ފެށިގެން 11:00 އާ ހަމައަށް ކަމަށް އުނގޫފާރު ކައުންސިލުން ބުނެއެވެ. މި ގަޑިތައް ނޫން އެހެން ގަޑިތަކުގައި ގެންނަ ބުޅާ ބަލައި ނުގަނެވޭނެ ކަމަށާއި ކުނިވެފައިވާ ބުލާ ބަލައި ނުގަނެވޭނެ ކަމަށް އެފަރާތުން ބުނެއެވެ.

ބުޅާ މެރުމަށް އުނގޫފާރުން މަސައްކަތް ކުރާ ކަމަށް ދެވެކޭ ވާހަކަތަކަށް ރައްދު ދެއްވަމުން އެކަމާ ދެކޮޅަށް އެތައް ބަޔަކު ދަނީ ސޯޝަލް މިޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.