ފާއިތުވީ 25 އަހަރު ދުވަހުގެ ތެރޭގައިވެސް ނުކުރާހާ ގަދައަށް އިންޑިއާއަށް މިދުވަސްވަރު ކުރަމުންދާ މޫސުމީ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 1600 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އެ ގައުމުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިންޑިއާގެ ސަރުކާރުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި މީހުންނަކީ މިއަހަރުގެ ޖޫން މަހުން ފެށިގެން އިންޑިއާއަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި މަރުވިކަމަށް ރިޕޯޓްކޮށްފައިވާ މީހުންނެވެ.
މިދަނޑިވަޅަކީ، އިންޑިއާގެ އުތުރުގެ ހިސާބުތަކަށް ބޯކޮށްވާރޭވެހުމުގެ ސަބަބުން ކާރިސާގެ ހާލަތު ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. އެގޮތުން މިދިޔަ ހުކުރުން ދުވަހުން ފެށިގެން މިހާތަނަށް 140 އަށްވުރެ ގިނަ މީހުން އުއްތަރަ ޕްރަދޭޝްއިން މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ގަދަ ވިއްސާރައިގެ ސަބަބުން މަރުވާ ގިނަ މީހުންނަކީ އިމާރާތްތައް ވެއްޓުމުގެ ސަބަބުން ހިނގާ އެކި ހާދިސާތަކުގައި މަރުވާ މީހުންނެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވާ މުއްދަތަކީ އިންޑިއާއަށް މޫސުމީ ވިއްސާރަ ކުރާ ދުވަސްވަރެއް ނަމަވެސް، މި ހިނގާ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަސްތައް ނިމެންދެން އިންޑިއާގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށް ހަބަރުލިބެއެވެ.