ޓީ ޖެޓީ ސަރަހައްދުގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތްކުރައްވައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗަކާއި ތެޔޮ ބައުޒަރުތަކެއްގައި ރޯވެގެންނެވެ. ހާދިސާ ހިނގި ސަރަހައްދަށް ރައީސް ސޯލިހް ހަވީރު ކުރެއްވި ޒިޔާރަތުގައި ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ފަރާތްތަކާ ބައްދަލުކުރައްވައި އެފަރާތްތަކުގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެސަރަހައްދަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ، މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކާ މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާ ކަމަށާ ނަމަވެސް މިފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ޓީ ޖެޓީ އަލިފާން: ތެޔޮ ބައުޒަރުން އަލިފާން ކޮންޓްރޯލް ކުރުމަށް ފޯމް ޖަހަނީ / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންނާއި ބައްދަލުކުރައްވާ، މައުލޫމާތު ސާފު ކުރައްވާ ރައީސް ސޯލިހް ވަނީ އަލިފާން ކޮންޓްރޯލް ކުރަން ސިފައިން ކުރި މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން، މިއަދުގެ އެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުުރުސަތު ބޮޑު ސަރަހައްދެއްގައި ކަމަށާއި، ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން ސިފައިންނާއި ފުލުހުން ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތް އެގޮތަށް ނުުކުރެވުނަމަ އަލިފާނުގެ ބޮޑު "ކާރިސާ" އަކަށް ހާދިސާ ބަދަލުވެގެންދާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޓީ ޖެޓީ އަލިފާން: އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ފަރާތްތަކުގެ ހާލު ރައީސް ސޯލިހް ބައްލަވާލެއްވި / ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ރައީސް ސޯލިހް ވަނީ، މި ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ފަރާތްތަކުގެ ހާލު ބައްލަވާލެއްވުމަށް އެ ހޮސްޕިޓަލަށް ވެސް ޒިޔާރަތްކުރައްވާފައެވެ.