އެއީ މީލާދީން 2012 ވަނަ އަހަރު މެއި މަހެވެ. ގައިން ގަޔަށް ނާރާ ބަލި ނުވަތަ އެން.ސީ.ޑީގެ ސަބަބުން މަރުވާ މީހުންގެ ނިސްތަބް، 2025 ވަނަ އަހަރު އަންނަންވާއިރަށް 25 ޕަސެންޓް ދަށްކުރުމަށް ދުނިޔޭގެ ލީޑަރުން އެއްބަސްވެވަޑައިގަތެވެ. ގައިން ގަޔަށް ނާރާ ބަލިތަކުގައި ދުނިޔެ ދޫކުރާ މީހުންނަށް ބަލާއިރު ދެބައިކުޅަ އެއްބައި މީހުންނަކީ ކާޑިއޯވަސްކިއުލާ ޑިޒީޒް (ސީވީޑީ) ނުވަތަ ހިތުގެ އެކި ބަލިތަކުގައި މަރުވެދާ މީހުންނެވެ. އެހެންކަމުން ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ ބައްޔަކީވެސް ހިތުގެ ބަލި ކަމުގައި ބުނެވިދާނެއެވެ. އެހެންކަމުން ހިތުގެ ބަލިތަކަށް ހާއްސަ ދުވަހެއް ފާހަގަކުރުމަކީ އަދުގެ ދުނިޔެއަށް ކޮންމެހެން ބޭނުން ކަމަކަށްވެއްޖެއެވެ.

ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ހާއްސަ މުނާސަބާއެއް، ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރުމަށް އެންމެ ފުރަތަމަ ނިންމީ ވާލްޑް ހާޓް ފެޑަރޭޝަންއިންނެވެ. ދުނިޔޭގެ ހިތުގެ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކަށްވީ ހިތުގެ ބަލިތަކާ ސްޓްރޯކްވެސް ހިމެނޭ ގޮތަށް ދުނިޔެއިން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔާ މެދު މީހުން ހޭލުންތެރިކުރުވުމެވެ. ވާލްޑް ހާޓް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހިތުގެ ބައްޔާ ސްޓްރޯކްގެ ޝިކާރައަކަށްވެގެން އަހަރަކު 17.9 މިލިއަން މީހުން މި ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލައެވެ.

ކަންމިހެން އޮތްއިރު، ހިތުގެ ބަލިތަކަކީ ދުރާލާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ އެ ބަލީގެ ވޭނާ ތަކުލީފުތަކާ ދުރުވުމުގެ ފުރުސަތު އޮންނަ ބަލިތަކެއްކަން މުޖުތަމައަށް އަންގައިދިނުމަކީ ވާލްޑް ހާޓް ފެޑަރޭޝަންއިން މިއަދު ކުރަމުންދާ އެންމެ ބުރަ އެއް މަސައްކަތެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާ، ފައިދާއެއް ނެތް ކާބޯތަކެއްޗާ، ޖިސްމާނީ ހެލިފެލިވުން ކުޑަވުން ނޭދެވޭ އާދަތަކުން މުޖުތަމައު ދުރުކުރުމަކީ ހިތުގެ ދުޅަހެޔޮ ކަމަށް ވަކާލާތު ކުރާ މީހުން މިއަދު އެންމެ ބުރަކޮށް ކުރަމުންދާ އެއް މަސައްކަތެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދީ، އެކަންކަން ހެޔޮ ފާލަކަށް އަޅުވަން މަސައްކަތްކޮށްފިނަމަ ހިތުގެ ބައްޔާ ސްޓްރޯކް ސަބަބުން ޅަ އުމުރެއްގައި މި ދުނިޔެއާއި ވަކިވެދާން ޖެހޭ ނިސްބަތް 80 ޕަސެންޓް ދަށްކުރެވިދާނެ ކަމަށް ވާލްޑް ހާޓް ފެޑަރޭޝަންއިން ގަބޫލުކުރެއެވެ.

އަހަރެންގެ ހިތް، ތިބާގެ ހިތް

ދުނިޔޭގެ ހިތުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވަނީ "އަހަރެންގެ ހިތް، ތިބާގެ ހިތް" މި ޝިއާރެވެ. މަގުސަދަކީ ހިތުގެ ހީރޯއިން އުފެއްދުމެވެ. ދިރިއުޅުމުގެ ކޮންމެ މައިދާނަކުން ދުޅަހެޔޮ ދިގު އުމުރަކަށް އެދިގެން ވައުދެއްވެ އެ ވައުދު ފުއްދުން މަތީ ދެމިހުރުމަށް ވާލްޑް ހާޓް ފެޑަރޭޝަންއިން ބާރުއަޅައެވެ.

ހިތުގެ ބަލިތަކަކީ އެންމެ ބޮޑު "ގާތިލު"ކަމުގައި ސިފަކުރެވުނު ނަމަވެސް، އެކަމުގެ ޝިކާރައަކަށްނުވެ ސަލާމަތްވާން މަސައްކަތްކުރެވިދާނެއެވެ. ދިރިއުޅުމަށް ގެންނަ ކުޑަ ބަދަލަކުންވެސް ހެޔޮ ބަދަލެއް ގެނެވިދާނެއެވެ. މިއީ އަންނަން އޮތް ޖީލުތަކަށްވެސް ދެމިގެންދާނެ ރީތި އާދައަކަށް ހެދިއްޖެނަމަ ދުޅަހެޔޮ ދިގު އުމުރަކަށް އުއްމީދުކުރެވިދާނެއެވެ. ހިތުގެ ހީރޯއަކަށް ވެވިދާނެއެވެ. ހިތުގައި ޖަހާ ކޮންމެ ވިންދަކީވެސް އަގު ނުކުރެވޭ ވަރުގެ ނިއުމަތެކެވެ.