"ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާޓީ ބްރޭކްސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައި އިފްތިތާހް ކުރި މި ހަރަކާތަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ފަސްޓް ލޭޑީ ވަނީ ޓައިނީ ހާޓްސް މޯލްޑިވްސް ފަދަ މުހިންމު ޖަމްއިއްޔާއަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިފަދަ މަސައްކަތްތަކެއް ކުރައްވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ.

ފަސްޓް ލޭޑީ ވަނީ ދަރިވަރުން ކްލާހުން ނުކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮއްލުމުގެ ފުރުސަތު ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއްކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން އިރުޝާދުތަކަށް ތަބާވާން ކުދިންނަށް ދަސްވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން މި ހަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެހެދުމުގެ ބަދަލުގައި ކޮރިޑޯގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަރިވަރުންނަށް ދަސްވެގެންދާނެކަން ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

"ސްކޫލް ކޮރިޑޯ އެކްޓިވިޓީ ހާޓީ ބްރޭކްސް" ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އިފްތިތާޙް ކޮށްދެއްވައިފި / ފޮޓޯ: ރައީސް އޮފީސް

ޓައިނީ ހާޓްސް އާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ޣާޒީ ސްކޫލުގައި ފެށި އަޖުމަބެލުމުގެ މި ހަރަކާތަކީ މިއަހަރުގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސްކޫލް މާހައުލުގައި ފައިދާހުރި ގޮތެއްގައި ކުދިންގެ ހަރަކާތްތެރިކަން އިތުރުކުރެވޭފަދަ ކަންތައްތަކެއް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.