ބަލާލި ކޮންމެ ދިމާލަކުން މިއަދު ފެންނަނީ ހިތެވެ. ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމަށް އެކި އެކި މުއައްސަސާތަކުން ބާއްވާ ހަރަކާތްތަކެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ރަތް ކުލައެވެ. ހަފްލާތައް ޒީނަތްތެރި ކުރުމާއި ހަމައިން މީހުން އަޅައިގެން އުޅޭ ހެދުންތަކުގައި ވެސް ރަތް ކުލައެވެ.

"މަގޭ ހިތް، ތިބާގެ ހިތް - ހިތުގެ ދުޅަހެޔޮކަމަށް އެންމެން ގުޅިގެން ވައުދެއް ވަމާ" މި ޝިއާރުގައި މިއަދު ފާހަގަ ކުރަމުން މިދާ ދުނިޔޭގެ ހިތުގެ ދުވަހަކީ، ‎ހިތާއި ލޭނާރުގެ ބަލިތަކާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަ ކުރާ ދުވަހެކެވެ. މިފަދަ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަހަރަކު 17.9 މިލިޔަން މީހުން މަރުވެއެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތެއްގެ ގޮތުން މިއަދު ސްކޫލުތަކުން ވެސް ފެނިގެން ދަނީ، ޓިޗަރުންނާއި ދަރިވަރުން އެތުރިގެން ހަދާފައިވާ ހިތެވެ. އޮފީސްތަކުން ފެނިގެން ދަނީ މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތަކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަން ޖެހޭ ކަންތައްތައް އެކަކު އަނެކަކަށް ކިޔައިދިނުމެވެ. ހިތުގެ ދުވަސް ފާހަގަ ކުރުމުގައި ހޮސްޕިޓަލްތައް ވެސް ދޫކޮށެއް ނުލައެވެ.

ބީއެމްއެލް، އެސްޓީއޯ އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް މިއަދު ފެންނަނީ ހިތާ ގުޅޭ އެކި ޕޯސްޓްތަކެވެ. ހިތުގެ ސިއްހަތަށް ހޭލުންތެރި ކުރުވުމަށް ތައްޔާތު ކޮށްފައިވާ މި ޕޯސްޓަތަކަކީ އެ ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ޕޯސްޓަތަކެވެ.

ހިތުގެ ދުވަސް ފާހަގަ ކުރުމުގައި އެސްޓީއޯ އަކީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. އެ ކުންފުންޏާއި، ޑރ. ރެޑީ ފާމާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔައީ ސެމިނާއެކެވެ. "ކާޑިއޯސްފިއާ ކޮންފަރެންސް" ގެ ނަމުގައި މިއަދު ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ މި ސެމިނާ އަކީ، އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕްގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެމިނާއެކެވެ.‎ މި ސެމިނާގައި އޭޑީކޭ އާއި އައިޖީއެމްއެޗް އަދި އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ ޑޮކްޓަރުން މައުލޫމާތު ދެއްވިއެވެ.

ރާއްޖޭގައި ހިތުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުންދާއިރު، ޓައިނީ ހާޓްސް މޯލްޑިވްސް ހަނދާން ނައްތައެއް ނުލެވޭނެއެވެ. ހިތުގެ ދުވަސް ސްކޫލުތަކާއި ހޮސްޕިޓަލުތަކުގައި މިހާ ކުލަ ގަދަކޮށް ފާހަގަ ކުރަމުން ދަނީ ޓައިނީ ހާޓްސްގެ ޖަމިއްޔާގެ ސަބަބުންނޭ ވެސް ބުނެވިދާނެއެވެ. އެގޮތުން، އެ ޖަމްއިއްޔާ އިން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އެކި ސްކޫލުތަކުގައި ގިނަ ގުނަ ހަރަކާތްތަކެއް ބާއްވާފައެވެ.

ހިތުގެ ބަލިތަކަކީ ރާއްޖޭގައި ވެސް އާންމު އެއްޗަކަށް ވީއިރު، އުފަންވާއިރު ހިތުގެ މައްސަލަ ހުންނަ ކުދިން ދުރާލައި ދެނެގަނެވި، ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އުފަންވި، އެފަދަ އެތައް ސަތޭކަ ކުދިންނެއްގެ ފުރާނަ ސަލާމަތް ކުރެވިފައިވަނީ، ޓައިނީ ހާޓްސްގެ މަސައްކަތާއި އެކުއެވެ.