ނިއުޕޯޓް ވީމަ، "ފުނޑާލަން" އޯކޭ ކަމަށް ބުނެ ޕީއެންސީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީބާޖާ ވީމަ ބަދަލު ދޭން އޯކޭ ކަމަށާއި، ބިގް ވީމަ ބަދަލު ދޭން ލާޒިމް ކަމަށެވެ. ނަމަވެސް، ނިއުޕޯޓް ވީމަ "ފުނޑާލަން" އޯކޭ ކަމަށެވެ. ހަމަ ހަމަކަމާއި އިންސާފަކީ މިއީތޯ ސުވާލު އުފައްދަވަމުން އަދުރޭ ވަނީ، ހައްގުވާ މިންވަރު ކޮބާތޯ އައްސަވާފައެވެ.

ނިއުޕޯޓް ވިއު ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް، އެ ސަރަހައްދު ކުއްޔަށް ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރީ، އޭރު ވެރިކަން ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަމަވެސް، ވެރިކަން ބަދަލުވުމުން ޒާހިދު ވަނީ ކުންފުނި ހިންގުމާ ދުރުވެ އޭނާގެ އަންހެނުންނާ، ކުންފުނީގެ ހިންގުން ހަވާލު ކޮށްފައެވެ.

ފިކުރު ދިމާ ނުވީމާ ހިތަށް އެރި ގޮތަކަށް ކަން ކުރުންތޯ އެޖެންޑާ 19ގެ ތަފާތަކީ؟
އަދުރޭ

ނިއުޕޯޓަށް ބަދަލު ނުދޭން ދައުލަތުން އުޅެނީ އެތަނަކީ ޕީޕީއެމް ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި ފަރާތެއްގެ އަންހެނުން ހިންގާ ތަނަކަށް ވުމުން، ފިކުރު ދިމާ ނުވާތީ ކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދުރޭ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ، 15 ދުވަހުގެ ތެރޭގައި ބިން ހަވާލުކޮށް، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ނިއުޕޯޓު ވިއު ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށެވެ. ނަމަވެސް، ސްޓްރާޑާ އިން ވަނީ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ހޯދުމަށް ކަމަށް ބުނެ މި ހުކުމް ތަންފީޒު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައެވެ.

ސްޓްރާޑާ އިން ބުނީ، އެ ކުންފުނިން ކުއްޔަށް ހިފާފައިވާ ބިމުގައި ފްރެންޗައިޒް ބްރޭންޑް 'ޗާޓައިމް' ގެ ނަމުގައި ފިނި ބުއިން ވިއްކާތަނެއް ހަދާފައި ވަނިކޮށް، އެތަން ހުޅުވިތާ 6 މަސް ނުވަނީސް ރިންގްރޯޑް ތަރައްގީ ކުރުމަށް އެތަން ދައުލަތަށް ދީފައިވާ ކަމަށެވެ. އަދި 'ޗާޓައިމް' ރާއްޖެ ގެނެސް، އެތަން ހިންގުމަށް އެ ކުންފުނިން ކުރި އިންވެސްޓްމަންޓްގެ ބަދަލު ދައުލަތުން ދީފައި ނުވާ ކަމަށާއި، ދައުލަތުގެ ބޭނުމަށް އެ ކުންފުނިން ހިފައިފައިވާ ބިމުން ބައެއް ނަގާފައި ވާއިރު، ބިމުގެ ކުއްޔަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

އަދި ސިވިލް ކޯޓުން މިދިޔަ ބްރާސްފަތި ދުވަހު އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ރިއާޔަތްނުކޮށް ކޮށްފައިވާ ހުކުމެއް ކަމަށާއި، އެ ކުންފުންޏަށް ބިމުގެ ކުލި ނުދެއްކުނީ 'ޗާޓައިމް'ގެ ވިޔަފާރި ހުއްޓުމަކަށް އައުމުން، އެ ކުންފުންޏަށް ލިބެމުން އައި އާންދަނީ ހުއްޓުމުން ކަމަށާއި، ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ބަދަލު ނުދިނުމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބްރިޖް ވިއުއިން ޕްލެޓް ފޯމް ތަރައްގީ ކުރުމަށް އެ ކުންފުންޏަށް ކްރެޑިޓަށް ކޮންސްޓްރަކްޝަން ސާމާނު ދޫކުރި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެތައް މުވައްޒަފުންގެ މުސާރަ ނުދެވި ކުންފުނި ވަނީ މާލީ ގޮތުން އަނދަވަޅަކަށް ވެއްޓިފައި ކަމަށެވެ.