އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ފާއިތުވީ 48 ގަޑިއިރެއްހާ އިރު ހުއްޓުމެއް ނެތި ވާރޭވެހެމުން ދިއުމުގެ ސަބަބުން ކޯރުތައް ފުރެމުން ދާއިރު، ގަދަ ވިއްސާރައާއި ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 50 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މީހުން މަރުވުމުގެ ހާދިސާތައް ހިނގާފައިވަނީ ގެތަށް ވެއްޓިގެންނާ، ހޮނު އެޅުމުގެ އިތުރުން ގެނބިގެންނާ ހަރުފަ ވިހަލައިގެން ކަމަށް ޚަބަރު ލިބެއެވެ.

އެތައް ހާސް ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ވައިސް ޗެއާމަން ރަވީންދްރާ ޕްރަތާޕު ސާހީ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން މިވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދެނީ މީހުން ސަލާމަތްކުރުމުގެ އިތުރުން ހާލުގައިޖެހިފައި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އާދީއްތަ ދުވަހާއެކު އަދިވެސް ގަދައަށް ވިއްސާރަކުރާނެ ކަމަށް ބަލާ، އެތައް ހާސް ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު، އިންޑިއާގެ އުތުރުގެ ސަރަހައްދުގެ ގިނަ ސްކޫލްތަކެއް ވެސް ވަނީ ބަންދުކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހޭދަވާ މުއްދަތަކީ އެންމެ ގަދައަށް މޫސުމީ ވިއްސާރައިގެ އަސަރު އިންޑިއާއަށް ފޯރާ ދުވަސްވަރެވެ.