ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ކޯޓާއަށް އެދި އޮޅުވާލާފައިވާ ސައްހަ ނޫން ލިޔެކިޔުންތައް ހުށައަޅާފައިވާ ކުންފުނިތަކާއި މީހުންގެ ނަންތައް ހިމެނޭ އާ ލިސްޓެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަ ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ލިސްޓުގައި 8 ކުންފުންޏަކާ، 4 މީހެއްގެ ނަން އާންމުކޮށްފައި ވައިރު، އެ މިނިސްޓްރީން ވަނީ އިއްޔެ ވެސް މިފަދަ ކުންފުނިތައް ހިމެނޭ ލިސްޓެއް ހާމަ ކޮށްފައެވެ. ނަމަވެސް އިއްޔެ ހާމަ ކުރި ލިސްޓްގައި މައްސަލަތަކެއް ހުރިކަމަށް ބުނެ މިިނިސްޓްރީން ވަނީ އެ ލިސްޓް ހިމެނޭ އިއުލާން ބާތިލުކޮށް، އާ އިއުލާނެއް ކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅި ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވާފައެވެ. އަދި މި ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް އިއުލާން ކުރަމުން ދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ސައްހަ ނޫން ލިޔެކިޔުންތައް ހުށައެޅި ކުންފުނިތައް / މީހުން

  • ނިއު ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓް
  • ވެމްޒޯ ޕްރައިވެޓް ލިމިޑެޓް
  • ސަރަމީ ޕްރައިވެޓް ލިމިޑެޓް
  • ޒުބައިރު އަބްދުﷲ (ރަން ހިރު ފެހުން)
  • ސައިފުﷲ ހަސަން (ކިންގް ކޮންސްޓްރަކްޝަން)
  • ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް
  • ނިއޯ އީކޯ ޕްރައިވެޓް ލިމިޑެޓްއު
  • ސްމާން ނައީމް (ކޮމްބައިން ބިލްޑް)
  • މުހައްމަދު ފަތުހުﷲ (އެފްއެސްބީ ހޯލްޑިންގްސް)
  • ސަން ސިޓީ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓް
  • ސިނޮޕެކް ޕްރައިވެޓް ލިމިޑެޓް
  • ވޯޓާ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް

އިކޮނޮމިކް މިނިސްޓްރީން މިފަދަ ބައެއްގެ މައްސަލަ ހުށަހަޅާފައި މިވަނީ ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެ މިނިސްޓްރީގެ ލޭބާ ޑިޕާޓުމަންޓު ދޮށުގައި ގިނަ އަދަދެއްގެ ބިދޭސީން ކިއު ހަދަމުންދާ ދުވަސްވަރެއްގައެވެ. އެގޮތުން އިއްޔެއާ މިއަދުވެސް ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ލީބާ ޑިޕާޓުމަންޓު ދޮށުގައި ކިއު ހަދަމުންނެވެ.

ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ގާނޫނުގެ ތެރެއަށް ވައްދަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ މިއަދު އިކޮނޮމިކް މިނިސްޓްރީގައި ދިގު ކިއުއެއް ހަދާފައެވެ. އިއްޔެވެސް އިކޮނޮމިކް މިނިސްޓްރީގެ ކަމާ ބެހޭ ޑިޕާޓްމަންޓުގައި ދިގު ކިޔުއެއް ބިދޭސީން ވަނީ ހަދާފައެވެ. އިކޮނޮމިކް މިނިސްޓްރީން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން ކޮންމެ ދުވަހަކު ވެސް ދޫކުރަނީ 150 ނަންބަރެވެ. އެ ޕްރޮގްރާމް ހިންގާނީ ހަ މަހުގެ މުއްދަތަށެވެ.