ނިދިފައި އޮތް ހުސެން ރަޝީދު އިބްރާހިމް، 45، ހޭލައިގެން ފާހާނާއަށް ވަނީ ވަގުތު ފާއިތުވާތީ ނަމާދަށް ތައްޔާރު ވުމަށެވެ. އޭރު ގަޑިން ވީ 7:05 އެވެ. ފާހާނާގައި ހުއްޓާ ހުސެންއަށް ސިހުން ގެނުވީ އިވުނު ބާރު އަޑުފައްގަނޑުންނެވެ. ހުސެން ހީކުރީ "ލޮޅުމަކާއެކު ގެ ފައިބައިގެން ދަނީ" ކަމަށެވެ.

ހަމަ އެވަގުތު އޭނާގެ އަންހެނުން، "އަލިފާނޭ، އަލިފާނޭ..." ކިޔާ ގޮވަން ފެށި އަޑަށް އަވަހަށް ނުކުތް އިރު ގޭގެ މަގަށް ވާގޮތަށް ހުރި ކުޑަދޮރުގެ ބިއްލޫރިތައް ފަޅާލާފައި އަލިފާންގަނޑު ވަދެއްޖެ އެވެ.

"ފުރަތަމަ ހީކުރީ ގެއަށް ގުޑުމެއް އައީ ކަމަށް، ނުކުތް އިރު އަލިފާން ވަދެއްޖެ، ދުންގަނޑުވެސް ވަދެ ގޭތެރެ ފުރާލައިފި، ތަނެއް ދޮރެއް ފެންނަވަރެއް ނޫން" ހ. ތިލަފުށި ގޭގައި ހުންނަ ކެމިކަލް ގޯޑައުންގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ހ. ރަދުވާނިއާގެ ދެވަނަ ފަންގެފިލާ އަށް ވަން ގޮތް ސިފަކޮށްދެމުން ހުސެން ކިޔައިދިނެވެ. ހުސެން ބުނީ އެވަގުތު ގޭތެރޭގައި އޭނާގެ ދެމަފިރިންގެ އިތުރުން އަންހެން ދަރިފުޅުވެސް ހުރި ކަމަށެވެ. އަދި ދޮށީ ދަރިފުޅާއި ހުސެންގެ މަންމަ އެވަގުތު ވީ އެހެން ގެއަކަށް ގޮސްފައި ކަމަށްވެސް އޭނާ ބުންޏެވެ.

"ދެން ހަމަ ވަގުތުން އަންހެނުން ކައިރީ ބުނެފިން އެތާ ތިބެން ނުވާނެ ކަމަށާ އަވަހަށް ނުކުމެވޭތޯ ބަލަން ވީ ކަމަށް" އެ ހާލަތުގައި ނުކުންނަށް މަސައްކަތް ކުރި ގޮތް ކިޔައިދެމުން ހުސެން ބުންޏެވެ.

ހ. ރަދުވާނިއާގޭގެ ހުސެން ދިރިއުޅުނު ބައި ހުންނަ ގޮތާއި އަދި ހުސެން ފުންމާލި ވައި ގޮޅިއާއި، ނުކުންނަން ބޭނުން ކުރި ސިޑިގޮޅި ފެންނަ ކުރެހުމެއް

ހުސެން ބުނީ އޭނާ އުޅުނު އިމާރާތުގެ އެންމެ އެތެރެއަށް ހުންނަ ކޮޓަރިއާ ދިމާގައި ވައިގޮޅިއެއް ހުންނަ ކަމަށާ، އަވަސްވެ ގަތީ ވައިގޮޅި ހުޅުވައިގެން ސަލާމަތް ވެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ކަމަށެވެ. ބޯ ދުމާއެކު އަލިފާންގަނޑު ވަދެފައި ހުރީ މަގުމަތިން ސިޓިންރޫމަށް ކަމުން އާންމުކޮށް އަރާފައިބަން ހުންނަ ދޮރުން ނުކުމެވެން ނެތުމުން ދެން އޮތް ގޮތަކީ ވައިގޮޅި ކަމަށް ހުސެންގެ ވިސްނުމަށް އައީއެވެ.

"ވައިގޮޅި ހުޅުވާލި އިރު، 7 ބުރިއަށް ހުންނަ ގޭގެ 3 ވަނަ ބުރީގެ ވައިގޮޅި ނޫނިއްޔާ ހުރިހާ ވައިގޮޅިއެއް ހުޅުވައިގެން މީހުން ތިބި، އެންމެން ރޮނީ، އަަހަރެން ފުންމާލީ ވައިގޮޅިއާ ދިމާގައި އޮންނަ ޝީޓްކޮޅު މައްޗަށް، އޭރު ބޭބެ ބުނެފި އެބަޔަށް ގެންނާށޭ. ބޭބެއާ ބޭބެ އަންހެނުން އުޅޭނީ ތިރީ ފްލޯގައިި، ބޭބެ ގެންނާށޭ ބުނި އިރު އެ ފްލޯއަށް މީހުން ގެންދަން ހުންނަ ޖާލީގަނޑުގެ ބޮޑު މިނަކީ 3 ފޫޓު 1 ފޫޓު" ހުސެން އިޝާރާތް ކުރި ބޭބެއަކީ އެއިމާރާތުގެ 1 ވަނަ ފަންގިފިލާގައި އުޅުނު ގާރީ ރަޝީދަށެވެ. އެގޭގެ 3 ވަނަ ފަންގި ފިލާއަކީ، އެހާދިސާގައި ނިޔާވި ޝައުނާ އުޅުނު ފަންގިފިލައެވެ.

ހުސެން ބުނީ އެ ފެންލައިޓުން ފުރަތަމަ ކޮއްޕާލީ އޭނާގެ ދަރިފުޅު ކަމަށެވެ. ބޭބެ ދަރިފުޅާ ހަވާލުވީމައި ދެން އެ ގޮޅިތެރެއިން ވަރަށް ހާލުން އަންހެނުން ކޮށްޕާލުމަށް ފަހު އޭނާވެސް އެގޮޅިތެރެއިން ފޭބިއެވެ.

"އެ ގޮޅިން ތިރިއަށް ދެވުނު އިރު އަންހެނުން އެބައިގެ ފާހާނާއަށް ވަދެ ބަލައިފަ ބުނެފި ފާހާނަތެރެ ރަނގަޅޭ، އެތާކު ނެތޭ ދުމެއް، ދެން ނޭނގެ ހެދިގޮތެއް، އަންހެނުން ތުވާލިތަކާ އެއްޗެހި ފޯކޮށްލާފަ ޖަހާލައިފި ދުން ވަންނަން ހުރި ދިމަދިމާގައި، އަޅުގަނޑުމެނަށް ވުރެ މާ ވަރުގަދަ އަސްލު އޭނާ" ގާރީގެ ފްލޯއަށް ގޮސް ކަންތައް ކުރިގޮށް ކިޔައިދެމުން ހުސެން ބުންޏެވެ. އޭނާ އިތުރަށް ބުނީ، އެ ގޮޅިތެރެއިން އަންހެނުން ފޭބުމުން މުޅިގައިގެ އެތަން މިތަންވެސް މެށިފައި ހުރި ކަމަށެވެ.

"އެކަމަކަށް އޭރު ނެތް ސަމާލުކަމެއް، އެންމެން ފާހާނާއަށް ވަދެ، އިސްކުރުތަކާ އެއްޗެހި ދޫކޮށްލާފައި، ފާހާނާ ދޮރުކައިރީގައި ވެސް އެއްޗެހި ޖައްސައިފި، އެހެން ހެދީމައި ފެނާއެކު ކޮންމެވެސް ވަރަކަށް ވައި އަންނާނެނުން، އޭރުން އެތެރޭގެ ޕްރެޝާ ހިފާ ދުން ވަނުން ކުޑަވާނެ" ގާރީ ދިރިއުޅުނު ފްލޯގައި ކަން ހިނގަމުން ދިޔަ ގޮތް ހުސެން ކިޔައިދިނެވެ.

ހ. ތިލަފުށިގޭ ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން، ހުސެން ދިރިއުޅުނު ހ ރަދުވާނިއާގެއަށް ލިބިފައި ހުރި ގެއްލުން އަދި ހުސެންއާއި ގާރީ އާއި ނިޔާވި ޝައުނާ އުޅުނު ބައި ފާހަގަ ކޮށްފައި

"ބޭބެމެން ބައިން މަގުމައްޗަށް ނެތް ނުކުމެވޭކަށް، އެއީ ހަމަ ސީދާ އަލިފާންގަނޑުގެ މެދު، އެގޭގެ ފަސްޓްފްލޯއަށް ކަމެއް ނުވީ، މަގުމަތީ ފާރު ރާނާފައި ހުރީމައި، އެހެން ނޫންނަމަ...ނޭނގެ ދެން، މީހަކު ސަލާމަތް ވާނެ ކަމަކަށް ބުނާކަށް ނޭނގެ، ބޭބެ ކައިރީ ބުނަންވެސް ބުނިން، ބޭބޭ އެއްވެސް އުންމީދެއް ނެތޭ، ދުއާ ކުރާށޭ" ގާރީމެން ބައި ހުރި ގޮތާ ލިބެމުން ދިޔަ ހާސްކަމާ ނުތަނަވަސް ކަމުގައި ކަން ކުރަމުން ދިޔަ ގޮތް ކިޔައި ދެމުން އޭނާ ބުންޏެވެ.

ދެން ހުސެން ގަސްދު ކުރީ މީހަކަށް ހަބަރު ކުރަން ވިޔަސް ކުރެވޭނީ ނުކުމެގެން ކަމަށް ވާތީ ގާރީމެން ބަޔަށް ފޭބި ވައިގޮޅިން އަނެއްކާވެސް މައްޗައް އަރާށެވެ. ގައިގެ އެތަން މިތަން ހަން މަށާލައިގެން އޭނާ އަނެއްކާވެސް އެ ޝީޓްކޮޅު މައްޗައް އަރާ ޖެހިގެން ހުރި، 5 ބުރިއަށް ހަދަމުންދާ އިމާރާތުގެ ޝީޓު މައްޗައް ދެމިގަތެވެ.

"ދެން ވައިގޮޅިން މައްޗަށް އެރީ، އަރަމުން ދިޔަ އިރު ޖެހިގެން ހުރި ފްލޯ (3 ވަނަ ފްލޯ) ނޫން ހުރިހާ ފްލޯއެއްގެ ވައިގޮޅިއަށް ހުންނަ ދޮރު ހުރީ ހުޅުވާފައި، މީހުންތައް ތިބީ އެތާ، އެންމެން ސަލާމަތް ކޮށްދިނުމަށް އެދި ރޮނީ، ދެން އަހަރެން ބުނީ، މަޑުކޮށްލާށޭ، މިދަނީ ރިޕޯޓު ކުރާށޭ، ދެން ހަމަ އެވަގުތު ހިތަށް އައީ ޖެހިގެން ހުރި ބޭބެމެންގެ ބައިން ހުންނާނޭ ތިރިއަށް ފޭބެން، އެއީ ހަދާ ނުނިމޭ ގެއެއް ވީމައި ސިޑިގޮޅި ހުންނާނެތާ، ދެން ސިޑިގޮޅިއަށް އެރި އިރު ޖެހިގެން ހުރި ތަނުގައި އެތައް ބައިވަރު ކުޑަކުދިންތަކެއް ތިބީ ރޯން، ވަރަށް ބައިވަރު ކުދިން އުޅޭތަނެއް އެއީ، ދެން ހަދާނެ ގޮތް ހުސްވެއްޖެ، ހިތައް އެރި ކޮން ކޮޅަކަށް ބާއޭ ދާނީ، ދެން ހަމަ ހިތައް އަރާ އެކަނި އެންމެން ސަލާމާތް ކުރަން އުޅެގެންނެއްވެސް ނުވާނޭ، ހަމަ އެވަގުތު ހިތައް އަރާ ތިރީގައި ތިބީ އަންހެނުންނާ، ދަރިފުޅާއި ބޭބެމެންނޭ، އެމީހުންނަށް ކިހިނެއްބާއޭ ވާނީ" އެންމެ ހައްސާސް ވަގުތުކޮޅުގެ ނުތަނަވަސްކަން ސިފަކޮށްދެމުން ހުސެން އަސަރާއެކު ކިޔައިދިނެވެ.

"ދެން ވަރަށް އަނދިރި، ތަނެއް ދޮރެއް ނުފެނޭ، ކަރަންޓެއް ނެތް، ފައިބަން މަގެއް ފެންނަނީވެސް ޖެހިގެން ހުރި އިރާނު ގޭގައި (ރަދުވާނިއާ އާ ޖެހިގެން އުތުރަށް ހުންނަ ބައި) ރޯވެ އަނދަމުން ދިޔަ އަލިފާންގަނޑުގެ އަލިން، ދެން ސިޑިގޮޅީގައި ހުރި ފިލާ ދޮރު ފަޅާލާފައި ތިރިއަށް ފައިބަން ބެލި އިރު އެތަންވެސް އަނދިރިކަމުން ތަނެއް ދޮރެއް ނޭނގެ، ދޮރު ހުންނަކަން އެނގޭ، ދެން ފަހަރަކު ދޮރެއް ފަޅަމުން ހަޅޭލަވަމުން އެންމެ ތިރިއަށް ދިޔައިރު ބޭރުގައި ފުލުހުން ތިބިކަން އެނގުނު" ހުސެންއާއި އޭނާގެ އާއިލާ އަދި އެ އިމާރާތުގައި އެވަގުތު ބޭރަށް ނުކުމެ ތިބި އެންމެން ސަލާމަތް ވުމުގެ މަގު ފަހިވެގެން ދިޔަ ވަގުތުކޮޅު ސިފަކޮށްދެމުން ކިޔައިދިނެވެ.

މީހުން ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ހުސެންއަށް ލިބިފައި ހުރި އަނިޔާތަކުގެ ފޮޓޯ 'ދަޕްރެސް' އާ އޭނާ ހިއްސާ ކުރި

"އެއީ ފުލުހުން، އެމީހުން ބޭރުން ތެޅީ، އަޅުގަނޑު އެތެރެއިން ތަޅާ ދޮރު ހުޅުވުނީމައި، ފުލުހުންނާއެކީ އަޅުގަނޑު އެރީ އަނެއްކާ މައްޗަށް، އޭރު އަޅުގަނޑަށް ހުރެވުނީ ހަމަ އެކަނި ބޮކްސާ ކޮޅުގައި، އެވެސް ފޫކޮޅުމަތިން އޮތީ ވީދިފައި، ދެން އެތަނަށް އަރާފައި އެމީހުންނަށް ކިޔައިދީފައި ބުނިން، ފަސްޓް ފްލޯގައި ތިބޭނޭ ފާހާނާއެއްގެ ތެރޭގައި އަޅުގަނޑުގެ އަންހެނުންނާ އެންމެން، އެތަނުން މައްޗަށް އެރިއިރު އެމީހުންގެ ހާލު ރަނގަޅޭ، އެކަމަކު މިހާރަކު ނޭނގެޔޭ، ދެން އެތަނުން ފުލުހުން އަޅުގަނޑު އަތަށް ދިއްކޮށްލި ކުއްޖެއް، އެކުއްޖާ ގޮވައިގެން ތިރިއަށް ދިޔަ ގޮތަށް ދެން ނާރަން މައްޗަކަށް" ހުސެން ބޭރަށް ނުކުތް ގޮތް ކިޔައިދިނެވެ.

ބޭރަށް ނުކުމެވުމާއެކު މަގުމަތީގައި ތިބި މީހުނަށް އެތެރޭގެ ހަބަރުތައް ދިނީ ހުސެންއެވެ. އަދި ފުލުހުން މީހުން ސަލާމަތް ކުރުމުގައި އުޅޭ ކަމަށާ، އޭނާގެ އާއިލާގެ މީހުން ފަސްޓް ފްލޯގައި ތިބިކަމަށް ބުންޏެވެ.

"އަހަރެން ބުނެފިން، މަގޭ އަނބިމީހާހާއި ދަރިފުޅު އަދި ބޭބެއާއި ބޭބެ އަންހެނުން ވެއްޖޭ އެއްވަނަ ބުރީގައި، އެވަގުތު އެތާ ހުރި މީހަކު ބުނި އަދި ހަމަ ނެތޭ އެއްގޮތަކަށްވެސް ވަދެވޭކަށް މަގުމަތިން" އޭރުވެސް ގުދަނުގައި ރޯވި އަލިފާންގަނޑު މަގުމައްޗަށް ފެތުރި ރަދުވާނިއާގެއާ އެއްކޮށް އަނދަމުން ދެއެވެ. ހޮޅިލަމުން ޕްރެޝަރުގައި އަލިފާންގަނޑު އަރަމުން ދެއެވެ.

މީހުން ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ހުސެންއަށް ލިބިފައި ހުރި އަނިޔާތަކުގެ ފޮޓޯ އަދި ވީދުނުގެ ބޮކްސާގެ ފޮޓޯ 'ދަޕްރެސް' އާ އޭނާ ހިއްސާ ކުރި

"ދެން ރޮވިއްޖެ، ރޮމުން ރޮމުން ދެކޮޅަށް ދުވެދުވެ ހުއްޓާ އަޅުގަނޑުގެ ތިމާގެ ކުއްޖަކު ޓިޝާޓަކާ އެއްޗެހި ދިނީ، ދެން ހުރީ އެމީހުން ނެރެވޭ ންދެން، އެހެން ހުއްޓާ ޕޮލިހުން އައިމަ އަނެއްކާވެސް ބުނެފިން އެތާ ވެއްޖޭ އަންހެނުންނާ އެންމެން، ބުނީމައި އަނެއްކާވެސް ބުނެފި، ނެތޭ އެތަނަށް ކައިރި ވެވޭކަށް، ދެން އެހެން ހުންނަތާ 1:10 މިނެޓް ފަހުން އެމްއެންޑީއެފް ބޭފުޅުން ހަމަ އަލިފާންގަނޑުގެ ތެރެއިން ވަދެ އަޅުގަނޑުގެ އަންހެނުންނާއި ދަރިފުޅާއި ބޭބެއާއި ބޭބެ އަންހެނުން ސަލާމަތް ކުރީ" ހުސެންގެ އާއިލާގެ މީހުން ސަލާމަތްވި ގޮތް ކިޔައިދެމުން ބުންޏެވެ.

"ގިނަ ބަޔަކު ވަންހެން ހީވަނީ، ނޭނގެ ހެދިގޮތެއް، އެމީހުން އަންހެނުންނާ ދަރިފުޅާ ބޭބެމެން ނެރުނީ" ހުސެން ބުންޏެވެ.

ހުސެން ބުނީ އަނބި މީހާއާއި ދަރިފުޅު އަދި ބޭބެއާއި ބޭބެގެ އަންހެނުން ނެރުނުތަން ފެނުނީމައި ކުޑަކޮށް ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ.

ހުސެންއަށް ލިބުނު އަންނައުނު ލައިގެން އޭޑީކޭގައި، ހާސްކަމުގެ ތެރޭގައި ޓީޝާޓުވެސް ލެވިފައި ހުރީ ފުރަގަސް ކުރިމައްޗަށް

"އެ އެންމެންވެސް ގެންދިޔައީ އޭޑީކޭއަށް، އަދި އެވަގުތު އަޅުގަނޑުގެ އެހެން ބޭބެއެއްވެސް ގެންދިޔަ އަނބުރައިގަނެގެން، އެއީ އެ ދުންގަނޑުގެ ތެރޭގައި އެތަނަށް ވަންނަން އުޅެނިކޮށް އަނބުރައިގަތީ" ރަދުވާނިއާގެއިން މީހުން ނެރެ ސަލާމަތް ކުރަމުން ގެންދިޔަ ގޮތް ހުސެން ކިޔައި ދިނެވެ. ހުސެންވެސް އެހިސާބުން އެމީހުންނާއެކު ދިޔައީ އޭޑީކޭއަށެވެ. އެ ދިޔަގޮތަށް ހުސެން ރަދުވާނިއާގެ ދޮށަށް ދެން ނުދެއެވެ.

ހުސެން އިތުރަށް ބުނީ، ރަދުވާނިއާގޭގެ އިތުރުން އެވަގުތު މީހުން ތިބީ އެ ބްލޮކުގެ ކަންމައްޗަށް ހުންނަ އިރާއު ގޭގައި އެކަނި ކަމަށެވެ. އެގޭގައި ތިބި މީހުން ސަލާމަތުން ފޭބި އިރު، ރަދުވާނިއާގެ އުތުރުން ހުރި އިރާނު ގޭގައި އެވަގުތު އެއްވެސް މީހަކު ނެތެވެ. އިއްތިފާގުން އެންމެނަށްވެސް ތިބެވުނީ ބޭރުގައި (އެކި މީހުން އެކިތަނުގައި އެކި ކަންކަމުގައި) ކަމަށް ހުސެން ބުންޏެވެ.

އައިޝަތު ޝައުނާ، 46 ނިޔާވުން

ހުސެންގެ ވާހަކައިން އެނގުނު ގޮތުގައި އެގޭގައި ހިމެނޭ 7 ފަންގިފިލާގެ ތެރެއިން ވައި ގޮޅީގެ ކުޑަދޮރު ނުހުޅުވާ ހުރީ ހަމަ އެކަނި އައިޝަތު ޝައުނާ، 46، އުޅުނު 3 ވަނަ ފަންގިފިލާއެވެ. ހުސެން ގަބޫލު ކުރާ ގޮތުގައި ޝައުނާއަށް އެތަން ނުހުޅުވުނީ، ވައިގޮޅި ހުންނަ ކޮޓަރި ކުއްޔަށް ދީފައި ހުރުމުން އެ ކޮޓަރިއަށް ވަދެވޭގޮތް ނުވުމުގެ ސަބަބުންނެވެ.

"އެހެން ނޫން ނަމަ އަހަރެން ބުނާނީ ސަލާމަތް ވާނެ ކަމަށް" ރަދުވާނިއާގެ ހުންނަ ގޮތާއި، އެ ވައިގޮޅީގެ ތެރެއިން ޖެހިގެން ހުރި ގެއަށް ދެވެން އޮންނަ ގޮތް އިނގޭތީ، ތަޖުރިބާގެ އަލީގައި ހުސެން ބުންޏެވެ.

ހ. ތިލަފުށި ގޭގައި ރޯވި އަލިފާންގަނޑު ހ. ރަދުވާނިއާގެ އަށް ފެތުރި އެގޭ 3 ވަނަ ފްލޯގައި ތާށިވެ ނިޔާވި އައިޝަތު ޝައުނާ

ހުސެން ބުނި ގޮތުން، ޝައުނާ 3 ވަނަ ފަންގިފިލާގައި ވީ ކަން އެނގުނީ، އޭނާގެ ބޭބެ ސިރާޖުގެ ފަރާތުންނެވެ.

"ސިރާޖު އާ ދިމާވި އޭޑީކޭ ތެރެއިން، ބުނި ކޮއްކޮ ވީ އެތާއޭ، އަޅުގަނޑު ބުނިން، އެބައި ނޫން ހުރިހާ ބައެއްގައި ކުޑަދޮރު ހުރީ ހުޅުވާފައޭ، ހުޅުވާފައި ހުރި ހުރިހާ ތަނަކުން ފުލުހުން އަރާ މީހުން ސަލާމަތް ކުރިއޭ" ޝައުނާއާ ގުޅޭގޮތުން ހުސެންއަށް އެނގޭ މިންވަރު ބުނެދިނެވެ.

ހުސެންގެ ފަރާތުން އެނގުނު ގޮތުގައި ޝައުނާގެ ބޭބެ ސިރާޖަކީވެސް އެ ބައިގައި ދިރިއުޅޭ މީހެކެވެ. ނަމަވެސް އެ ހާދިސާ ހިނގި އިރު ސިރާޖު ގޭގައި ނޫޅެއެވެ. ބައެއް ފަރާތްތަކުން "ދަޕްރެސް" އަށް ކުރިން ކިޔައިދީފައި ވާ ގޮތުގައި، ޝައުނާ ނިޔާވީ، ހޮޅިލަމުން ވަންނަމުން ދިޔަ ބާރު އަލިފާންގަނޑުގައި ނުކުމެވޭނެ ގޮތެއް ނުވެގެންނެވެ. ޝައުނާއާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވަނީ ޝައުނާ އެފަރާތްތަކަށް ގުޅާ ސަލާމަތްކޮށްދޭން އެދުނު ކަމަށާއި، ނަމަވެސް އެ އަލިފާންގަނޑުގައި ސަލާމަތް ނުވާނެކަން އެނގުމުން 'ހިތްހެޔޮ ކުރުމަށް' ވެސް އެދުނު ކަމަށެވެ.

ޝައުނާ ފެނުނީ އަލިފާންގަނޑު ކޮންޓްރޯލް ވި ތާ އެތައް އިރެއްގެ ފަހުން، ރަދުވާނިއާގޭގެ 3 ވަނަ ފަންގިފިލާގައި މަރިވެފައި އިންދައެވެ. އޭނާ އިނީ ސަލާމަތްވާން ބަދިގޭ ކަނަކަށް ވަން ގޮތަށް ކަމަށް ބައެއް ފަރާތްތަކުން ކިޔައިދީފައިވެއެވެ.

މާލޭގައި ހިނގި އެންމެ ބޮޑު އެންމެ ނުރައްވާ އަލިފާނުގެ ހާދިސާގެ ގޮތުގައުި ތާރީހުގައި ލިވެވޭ އެ ހާދިސާއަކީ ގިނަ އިބްރަތްތަކަކާއި ފިލާވަޅުތަކެއް ލިއްބައިދޭ ހާދިސާއެކެވެ. މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުޅު ހިފާ ޒާތުގެ ކެމިކަލް ފަދަ އެއްޗެހި ނުގެންގުޅުމާއި، އަލިފާން ނިއްވޭނެ ފަސޭހަ އާލާތްތަކާއި ވަސީލަތްތައް ގާއިމު ކުރުމާއި އެފަދަ ހާދިސާއެއް ހިނގައިފިނަމަ، އިންތިޒާމް ކުރަން ޖެހޭ އެހެނިހެން ކަންކަން އިންތިޒާމު ކުރުމެވެ.