އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް މެންބަރެއް ކަމަށްވާ ޗިންމޭއާނަންދްއާއި ދެކޮޅަށް ރޭޕްގެ ތުހުމަތުތަކެއް ފެންމަތިކޮށް އޭނާއާއި ދެކޮޅަށް ދައުވާކުރަމުންދާ، ގާނޫނީ ވަކީލުކަން ކިޔަވާ އަންހެން ދަރިވަރު ޖަލަށް ލައިފިއެވެ.

މިއަދުގެ ވަގުތެއްގައި މި އަންހެން ކުއްޖާ ޖަލަށް ލާފައި ވަނީ، އޭނާގެ ގޭގައި ހުއްޓާ އެ ގެއަށް ފުލުހުން ވަދެ، ގަދަ ބާރުން ކަމަށާއި، އޭނާ ޖަލަށް ގެންދިޔައީ ދަމާފައި ކަހަލަ ގޮތަކަށް ކަމަށާއި، ޖަލަށް ގެންދިޔައިރު އޭނާ 'ފައިވާނަކަށް' ވެސް އަރުވާފައި ނުވާކަމަށް އޭނާގެ އާއިލާއާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ.

މި އަންހެން ކުއްޖާ ޖަލަށްލާފައި ވަނީ ބީޖޭޕީގެ އިސް މެންބަރަކަށް ބިރު ދައްކައިގެން ކަމެއް ހާސިލުކުރަން އުޅުނު ކަމުގެ ކުށް ނުވަތަ އެކްސްޓޯޝަންގެ ކުށުގެ ތުހުމަތުގައި ކަމަށް ޚަބަރު ލިބެއެވެ. މި އަންހެން ކުއްޖާއާ ދެކޮޅަށް އެކްސްޓޯޝަންގެ ދައުވާ އުފުލާފައި ވަނީވެސް ހުދު ޗިންމޭއާނަންދްއެވެ. މި އަންހެން ކުއްޖާ ޖަލަށް ލާފައި މިވަނީ، ހައްޔަރުކުރުމުގެ ނުރައްކަލުން އޭނާ ހިމާޔަތްކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް މާދަމައަށް ތާވަލުކޮށްފައި ވަނިކޮށެވެ.

ގޭގައި ހުއްޓާ ގަދަބާރުން ފުލުހުން ވަދެ، 23 އަހަރުގެ މި އަންހެން ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހޮސްޕިޓަލަށް ކަމަށާއި، އޭނާ ހައްޔަރުކުރީ އެއަށްފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ހައްޔަރުކުރާ މެމޯގައި ބައްޕަލައްވާ ސޮއިކުރުވާފައި ވަނީ މަޖުބޫރުން ކަމަށްވެސް އާއިލާއިން ދަނީ ބުނަމުންނެވެ.

އަންހެންކުއްޖާގެ ފަރާތުން ދައުވާ ލިބޭ ބީޖޭޕީގެ އިސް މެންބަރު ޗިންމޭއާނަންދް މިވަގުތު ހުރީ ޖަލު ބަންދަކު ނޫނެވެ. ޖަލުގައި 2 ދުވަހެއް ހޭދަކުރުމަށްފަހު، އުމުރުން 72 އަހަރުގެ ޗިންމޭއާނަންދް އާދީއްތަ ދުވަހުން ފެށިގެން އޮތީ ހޮސްޕިޓަލުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫނިއަން މިނިސްޓަރުކަން ވެސް ކޮށްފައިވާ ޗިންމޭއާނަންދްއާއި ދެކޮޅަށް އަންހެން ދަރިވަރު ހުށަހަޅާފައިވާ ދައުވާގައި ބުނެފައި ވަނީ، ޗިންމޭއާނަންދް އޭނާ ބްލެކްމެއިލްކޮށް، ޗިންމޭއާނަންދްއަށް މަސާޖު ދިނުމަށް މަޖުބޫރުކުރިވި ކަމަށާއި އަދި އަހަރެއްހާ ދުވަސްވަންދެން އޭނާ ރޭޕްކުރި ކަމަށެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ޗިންމޭއާނަންދް ހައްޔަރުކުރީ މިދިޔަ ހަފުތާގެ ފަހުކޮޅުއެވެ. ކަމާބެހޭ ފަރާތްތަކުން ޗިންމޭއާނަންދް ހައްޔަރުކުރީ ރޭޕްގެ ދައުވާއާ ގުޅިގެނެއް ނޫނެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައި ވަނީ 'މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގަން އުޅުނު'ކަމުގެ ކުށުގައެވެ. މިއީ އިންޑިއާގެ ގާނޫނު ހަމަޖެހިފައިވާ ގޮތަށް ރޭޕްގެ އަމަލަކަށްވުރެ ކުޑަ ހުކުމެއް އަންނާނެ އަމަލެކެވެ. މިކަމަށް 7 އަހަރު ދުވަހާ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާއިރު، ރޭޕްގެ މައްސަލައެއްގައި ކުށް ސާބިތުވެއްޖެނަމަ 7 އަހަރުން ފެށިގެން އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ގާނޫނު ތަންދެއެވެ.