ދުނިޔޭގެ މަޝްހޫރު ޓުއާ އޮޕަރޭޓާ ތޯމަސް ކުކް ބަނގުރޫޓުވުމާ ގުޅިގެން، އެ ކުންފުނި މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންނަށް އެހީވުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ތޯމަސް ކުކް ބަނގުރޫޓުވެފައިވާއިރު، އެ ކުންފުނި މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަކުރަން ގޮސް ތިބި އެތައް ބަޔަކު ވަނީ ނުފުރި އެއާޕޯޓްތަކުގައި ތާށިވެ، އެނބުރި ގައުމަށް ދެވޭނެ ކަމުގެ އުންމީދު ގެއްލިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސް އުޅޭ ފަތުރުވެރިން ވެސް ހިމެނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ތޯމަސް ކުކް މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ފަތުރުވެރިން މިނިސްޓްރީއާ އެމްއެމްޕީއާރްސީ ގުޅިގެން އެ މީހުންގެ ގައުމުތަކަށް އަނބުރާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާތުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަމާގުޅޭ އިދާރާތަކުން މިހާރު ގެންދަނީ ތޯމަސް ކުކް މެދުވެރިކޮށް ރާއްޖޭގެ ރިސޯޓްތަކަށް އައިސް ތިބި ފަތުރުވެރިންގެ އަދަދާއި އެ މީހުންގެ މައުލޫމާތާއި އަނބުރާ ގައުމަށް ދާން ހަމަޖައްސާފައިވާ ދުވަސްތަކާއި ގުޅޭ މައުލޫމާތު ހޯދަމުން ކަމަށާއި، އެފަދަ ފަތުރުވެރިންނަށް ހާއްސަ ހެލްޕް ޑެސްކެއް މިހާރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކޮށްފައެވެ.

ތޯމަސް ކުކަކީ ރާއްޖެއަށް އެންމެ ގިނަ އިން މީހުން ގެންނަ އެއް އޮޕަރޭޓަރަށް ވުމުން އެ ކުންފުނި ބަނގުރޫޓްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ.