އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަކަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަކަށް އަދި ބެލެވިފައި ނުވާ ކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގާފައިވަނީ ކިހިނެތް ކަން ތަހުގީގު ކުރުމުގައި ހާދިސާ ހިނގާފާނެ ކޮންމެ ގޮތަކަށް ތަހުގީގު ހިންގަމުން ދާނެ ކަމަށާއި، މިހާތަނަށް ކޮށްފައިވާ ތަހުގީގުން މިއީ ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، މިދިޔަ ހުކުރު ދުވަހު ހ. ތިލަފުށި ގޭގައި ހުރި ގުދަނާއި، ޖެހިގެން ހުރި ބައެއް ގެތަކުގައި ރޯވި ހާދިސާއަކީ ރާވައިގެން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ސަރުކާރަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގެ ތަހުގީގުގައި، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ފޮރެންސިކްސް ޓީމް ދަނީ މި ހާދިސާ ހިނގި ސަރަހައްދުގައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ފުލުހުން ވަނީ، އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ހަބަރުތައް ފެތުރެމުންދާ ކަން ފާހަގަކޮށް،، އެފަދަ ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އާޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަމާއި އެންމއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާމެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.