އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދިއުމަށްފަހު، އެފަދަ ހާދިސާއެއް ހިނގައި ގޮސްފައިވާ ގެއަކަށް ބަދަލުވާއިރު ގިނަ ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ދިއުމަށް ފަހު ގެއަށް ބަދަލުވާ ކަމަށްވާ ނަމަ ކުޑަކުދިން ކުޅެން ގެންގުޅޭ ތަކެތި ސައިބޯނި ލުމަށްފަހު ރަނގަޅަށް ދޮވެގެން ނޫނީ ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެއާ ކޮންޑިޝަން ފަދަ އެއްޗެހީގައި ދުން ހަރުލާފައި ހުންނާނެތީ، އެއާކޮންޑިޝަން ފަދަ ތަކެތި އަދި އެކްސްހޯސްޓު ފަދަ ތަކެތި ރަނގަޅަށް ސާފުކުރަން ޖެހޭނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ގޭތެރެ ސާފުކުރުމަށާއި އަންނައުނު ދޮވުމަށް ބޭނުންކުރާ ކްލީނާ ފަދަ ތަކެތި އުކާލަން ޖެހޭނެ ކަމަށެވެ. އެއީ އެތަކެތި ބަންދުކޮށްފައި ހުރުމުން ހޫނުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ އެފަދަ ތަކެތި ހުންނަ ކެމިކަލްތަކުން ވިހަ އާވި ބޭރުވުމަކީ އެކަށީގެންވާ ކަމަކަށް ވާނެތީ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ދޮވެ ސާފު ނުކުރެވޭ ފަދަ ތަކެތި ކަމަށްވާ ބާލީހާއި ސޯފާ ފަދަ ތަކެތި އުކާލަން ޖެހޭނެ ކަމަށެވެ. އަދި ގޭތެރެ ސާފުކުރަން އުޅޭއިރު އަންގިއާއި މާސްކު ބޭނުން ކުރަންވާނެ ކަމަށާއި ދުމުގެ ސަބަބުން ފާރު ފަދަ ތަންތަނުގައި ގެދަނބުޅި ޖަހާފައި ހުންނަ ނަމަ ސައިބޯނި ލައިގެން ރަނގަޅަށް ދޮންނަން ޖެހޭނެ ކަމަށެވެ.
އެޗްޕީއޭއިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަ ގެއެއްގައި އަލިފާން ހިފައި އެގެތައް ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވުމުން އެކަމަށް ރައްޔިތުން ރައްކާތެރިވެ ސަމާލުވުމަށްޓަކައެވެ.
މި ހާދިސާގައި 400އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައި ދީފައެވެ. މި ހާދިސާގައި ގެއްލުންވި ގެތަކުގެ އިންޖިނިއަރިން އިންސްޕެކްޝަނެއް ވެސް އަންނަނީ ހަދަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދިވެސް ނޭނގެއެވެ. އެމްއެންޑީއެފް އަދި ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ރޭގެ ވަގުތެއްގައި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ވިދާޅުވީ އެ ހާދިސާއަކީ ބަޔަކު ރާވައިގެން ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އެކަމަކު މި މައްސަލާގައި ފުލުހުންވެސް އަދި އެމްއެންޑީއެފްއިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.