އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްފިއެވެ.

ލީޓަރަކުން 0.29 ރުޕީޒް އަގު ބޮޑުކޮށްފައިވާއިރު، ވެރިރަށް ނިއުދިއްލީގައި މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 73.91 ރުޕީޒްއަށެވެ.

ތެލުގެ އަގުތަކުން 15 ޕަސެންޓް އުފުލި، ފާއިތުވީ 4 ވަރަކަށް މަސްދުވަހުގެ ތެރޭގައިވެސް ނުދާހާ މައްޗަށް ތެލުގެ އަގުތައް އުފުލިގެން ގޮސްފައިވަނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން، ސައުދީގެ ތެޔޮ ކާރުހާނާތަކަށް އަމާޒުވި ޑްރޯން ހަމަލާތަކަކާ ގުޅިގެންނެވެ.

އިންޑިއާގެ ބާޒާރުތަކުގައި ތެލުގެ އަގުތައް އުފުލިފައި މިވަނީ، ސައުދީއަށް ދިން ހަމަލާއާއި ގުޅިގެން ތެލުގެ ސަޕްލައިއާއި އަގުތަކަށް ނޭދެވޭ ބަދަލެއް ނާންނާނެކަމަށް އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓާ ދަރުމެންދްރާ ޕްރާދަން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންޑިއާގެ ބާޒާރުގައި ޕެޓްރޯލްގެ އަގަށް އައި ބަދަލާއެކު، އެއްގަމު އުޅަނދު ފަހަރުގެ އޮޕަރޭޝަންތަކަށް ނަގަމުން އަންނަ ފީ ބޮޑުކުރުން އެކަށީގެންވެއެވެ.