27 އަހަރުވީ ސަގާފަތް އެއްފަރާތް ކުރުމަށްފަހު، އިސްރާއީލުގެ ސެންޓްރިސްޓް ފިކުރުގެ ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެންޖަމީން (ބެނީ) ގަންޓްޒް، ބޮޑުވަޒީރު ކަމުގެ މަގާމަށް ގެނައުމަށް ތާއީދުކުރުމަށް އިސްރާއީލުގެ އަރަބިން ހިއްސަވާ ޕާޓީތަކުން ނިންމައިފިއެވެ.
ވަކި ކެންޑިޑޭޓަކު އެންޑޯޒް ނުކުރުމަކީ އިސްރާއީލުގެ އަރަބި ޕާޓީތަކުން ގެންގުޅޭ އުސޫލެކެވެ. ނަމަވެސް މިފަހަރު އެކަން ބަދަލުކުރުމަށް އެ ޕާޓީތަކުން ނިންމީ ބޮޑުވަޒީރު ކަމުގައި ހުރި ހުދުމުހުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ޚަބަރު ލިބެއެވެ.
ޖޮއިންޓް ލިސްޓްގެ ނަމުގައި ހަރަކާތްތެރިވަމުންދާ އިސްރާއީލުގެ ގުޅިފައިވާ އަރަބި ޕާޓީތަކުގެ ލީޑަރު އައިމަން އޫދީ ވިދާޅުވީ، ބޮޑުވަޒީރު ކަމަށް ގަންޓްޒް ގެނައުމަށް ތާއީދުކުރާ ކުރުމަކީ، އޭނާގެ ސިޔާސަތުތައް ބަލައިގަނެ އެކަމަށް ތާއީދުކުރުން ނޫންކަމަށެވެ. އަދި އެއީ ގަންޓްޒްއަށް ތާއީދުކުރުން ނޫންކަމަށްވެސް އައިމަން އޫދީ ވަނީ ވިދާޅުވެފައެވެ.
120 މެމްބަރުން ހިމެނޭ އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ ވޯޓުގައި ގަންޓްޒްގެ ޕާޓީއަށް ކަށަވަރުކުރެވިފައިވަނީ 33 ގޮނޑިއެވެ. ނަތަންޔާހޫގެ ޕާޓީއަށް ކާމިޔާބުކުރެވުނީ 31 ގޮނޑިއެކެވެ. ޖޮއިންޓް ލިސްޓް އިއްތިހާދަށް ލިބުނީ 13 ގޮނޑިއެވެ. ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަގުލަބިއްޔަތަކީ 61 ގޮނޑިކަމަށްވާއިރު، އާ ސަރުކާރެއް އެކުލަވާލެވެން އޮތީ ކޯލިޝަނެއް ހަދައިގެންނެވެ.
އައިމަން އޫދީ ވިދާޅުވީ، ގަންޓްޒްއަށް ތާއީދުކުރަން ނިންމި ނިންމުމަކީ ނަތަންޔާހޫއަށް ވެރިކަމުގެ އިތުރު ދައުރެއް ކަށަވަރުވިޔަ ނުދިނުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.
އިސްރާއިލުގެ ސިޔާސީ މަސްރަހު މިހާރު އޮތް ހާލަތަށް ބަލާއިރު އިއްތިހާދީ ސަރުކާރެއް އެކުލަވާލުމަށް ސިޔާސީ ޕާޓީތަކުން އަދި މުޅިން ތާއީދެއް ނުކުރެއެވެ. ނަތީޖާއަކަށްވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމެވެ. މިކަން ނިމުމަކަށް ގެނައުމަށް އިސްރާއީލުގެ ރައީސް ރިއުވެން ރިވްލެން ގެންދަވަނީ އިސްރާއީލުގެ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރައްވަމުންނެވެ.
ނަތަންޔާހޫ ބޮޑުވަޒީރުކަން ދިފާއުކޮށްފިނަމަ ވާނީ ކިހިނެއް؟
ނަތަންޔާހޫގެ ސިޔާސީ ކެރިއަރު ނޭވާ ހޮޅިއަށް އެޅިފައިވާއިރު ކަނާތު ފިޔައިގެ ސަޕޯޓަރުންގެ ތާއީދު ހޯދުމަށް ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓްހާ ބޮޑު ސަރަހައްދެއް އިސްރާއީލުގެ ދަށަށް ގެންދާނެ ކަމަށް ވައުދުވެފައެވެ. އަދި ޔަހޫދީ ހުރިހާ އާބާދުތަކަކީ އިސްރާއީލުގެ އިސްތިގުލާލީ ބާރު ހިންގާ ސަރަހައްދުތަކަށް ހަދާނެކަމަށްވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.
މިއީ ގަވައިދާ ހިލާފަށް އިސްރާއީލުން ވަޒަންވެރިވެފައިވާ ބިންތަކަށް 'ގާނޫނީ ހައިސިއްޔަތު' ދިނުމަށް ނަތަންޔާހޫ ކުރާ ކަމެކެވެ. ބޮޑުވަޒީރުކަމުގެ މަގާމު ނަތަންޔާހޫ ދިފާއުކޮށްފިނަމަ، އެކަމުގެ އަސަރު އެންމެ ގާތުން ކުރާނެ ބަޔަކީ ފަލަސްޠީނުގެ ސިޔާސީ ލީޑަރުން ކަމާ މެދަކު ޝައްކެއް ނެތެވެ.
ގަންޓްޒްގެ ބޮޑުވަޒީރު ކަމުގައި އިސްރާއީލާއި ފަލަސްޠީނު
ނަތަންޔާހޫއާއި އެންމެ ގާތުން ބޮޑުވަޒީރު ކަމަށް ވާދަކުރަމުންދާ އެކަކީ ބެންޖަމީން (ބެނީ) ގަންޓްޒްއެވެ. ސެންޓްރިސްޓް ފިކުރުގެ ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑާޝިޕް ޓިކެޓުގައި އިންތިހާބަށް ނިކުމެ ހުރެ ގަންޓްޒް ބުނަމުންދިޔައީ، އިސްރާއީލިގެ ވީދި، ބައިބައިވެފައިވާ އިޖުތިމާއީ ފޭރާން އަލުން ހެޔޮވަރުކޮށްލާނެ ލީޑަރަކީ އޭނާ ކަމަށެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ނަޒަރުން ބަލާއިރު ގަންޓްޒްއަކީ ވަކި ރަނގަޅު ލީޑަރެއް ކަމަށް ބުނެވޭކަށް ނެތެވެ. އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގައި 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހުރީވެސް ގަންޓްޒްއެވެ. މިއީ މި ފަހުގެ ތާރީހޫގައި އިސްރާއީލުން އެންމެ ގަދައަށް ގައްޒާއަށް ހަމަލާދެމުން ދިޔަ ދުވަސްވަރެވެ. ގަންޓްޒް އެކަން ފާހަގަކުރަނީ ފަހްރާއެކުގައެވެ.
ބޮޑުވަޒީރުކަމުގެ މަގާމަށް ފައިވިއްދައިގެން ހުރި ގަންޓްޒްގެ ފަލަސްތީނު ސިޔާސަތަށް ބަލާއިރު ނަތަންޔާހޫއާއި މާ ބޮޑު ތަފާތެއް ނެތެވެ. ހުޅަނގު އައްސޭރީގައި އޮތް އުރުދުން ވާދީއަކީ އިސްރާއީލުގެ ކޮންޓްރޯލް ހިންގާ ސަރަހައްދަކަށް ހެދުމަކީ ގަންޓްޒްގެ ފިކުރެވެ. އިރުމަތީ ގުދުސްއާއި މުޅި ފަލަސްޠީނަށް އިސްރާއީލުގެ ކޮންޓްރޯލް ހިންގުމަކީ ގަންޓްޒްގެ ސިޔާސީ އެޖެންޑާގެ ހުލާސާއެވެ. އިސްރާއީލާ ފަލަސްޠީނަކީ ވަކިވެފައިވާ މިނިވަން 2 ދައުލަތްކަމުގައި ވުމުގެ ފިކުރެއް އެ އެޖެންޑާއަކު ނެތެވެ.
ކަންމިހެން އޮތްއިރު، ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމުން ކޮންމެ މީހަކު ފެނުނު ކަމުގައި ވީ ނަމަވެސް، މެދުއިރުމަތީގެ މައިދާނުގައި ލޭ އޮހަރަމުންދާ މުސްލިމުންނަކަށް ހަމަޖެހުމެއް އޮތްކަމުގައި ނުދެންނެވޭނެއެވެ.