ހ. ތިލަފުށި ގޭގައި ރޭ ރޯވި އަލިފާން ފެތުރި ކައިރީގައި ހުރި އިތުރު ގެތަކާއި މަގުގެ އަނެއް ފަރާތުގައި ހުރި ދެ ގެއެއް އަނދާ ހުލުވި ހާދިސާ ފުރަތަމަ ފެނުނު ދެމީހުންގެ ތެރޭގައި ޝަމީމު ހަސަން (ސަންމު) އާއި އޭނާގެ ރައްޓެއްސަކު ހިމެނެއެވެ.

'ދަޕްރެސް' އަށް ހާދިސާ ހިނގައި ދިޔަކޮށް ކިޔައިދެމުން ސަންމު ބުނީ އޭނާއާއި ރަހުމަތްތެރިޔާ ރޭ އިރާކޮޅު ދިޔައީ 'އަތްބަޅޭ ކަޑައަށް' ކާން ވެގެން ހީނާމާގޭ ޕާކިންގައި ސައިކަލު ޕާކު ކުރަން ކަމަށެވެ. އެތާނގައި ސައިކަލު ޕާކުކޮށް ނުކުތް ވަގުތު ބާރުގަދަ ގޮވުމެއްގެ އަޑު އޭނާއަށް އިވުނެއެވެ.

"ސައިކަލު ޕާކުކޮށްފައި ނުކުތް ތަނުން ބާރުގަދަ އަޑެއް އިވުނު. ފުރަތަމަ ހީކުރީ ހަވާ އަރުވަނީ ކަމަށް، ނަމަވެސް މަގަށް ނުކުމެވުނު އިރު ފެނިއްޖެ ހުޅުގަނޑު" މަންޒަރު ސިފަކޮށްދެމުން އޭނާ ބުންޏެވެ.

ސަންމު ކިޔައިދިން ގޮތުގައި އެއާއެކު އޭނާ ދުއްވައިގަތީ އެ ދިމާއަށެވެ. ސަބަބަކީ ހުޅުގަނޑު ނުކުމެފައި ހުރި ހ. ތިލަފުށި ގެ ކުރިމަތިން ހުންނަ ހ. ރަދުވާނިއާގެ އަކީ އޭނާގެ ތިމާގެ ބައެއް ކަމަށް ވާ ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) ދިރިއުޅުއްވާ ގެ ކަމަށް ވުމެވެ.

"އޭރު އަލިފާންގަނޑު އެ ގުދަން (ހ.ތިލަފުށިގެ) ފަޅާލައިފައި ނުކުމެއްޖެ. ގާތްގަނޑަކަށް ފަންސާހަކަށް ފޫޓަށް ނުކުމެފައި ހުރި، މައްޗައްވެސް އެހާ ޕްރެޝަރުގައި އަަރަމުން ދިޔަ، އެ އަލިފާނުގެ ހޫނު ހުރި 100 ވަރަކަށް ފޫޓަށް" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ ވާ ހޫނުން އެސަރަަހައްދަށް ވަދެވޭ ގޮތް ނުވި ކަމަށާ ނަމަވެސް އަލިފާން ރޯވި ހ. އިވާއު ހުންނަ ހިސާބާ ގާތަށް ކަންމައްޗަށް ދިޔަ ކަމަށެވެ. އަދި ބާރު ބާރަށް ހަޅޭއްލަވާ، ކައިރި ގެތަކުގައި އުޅޭ މީހުންނަށް 'އަލިފާން ރޯވެފައި ހުރި ކަމަށާ ފައިބަން ބުނެ' އިންޒާރު ދެމުން ދިޔަ ކަމަށެވެ.

އިސާހިތަކު މުޅި ސަރަހައްދު ބޯ ދުމުން ފުރައިލި އިރު، ދުން ގަނޑުގެ ތެރެއިން ރޯވެ އަނދަމުންދާ އަލިފާންގަނޑު ފެތުރެމުން ދިޔައެވެ. އޭނާ ބުނި ގޮތުން ކަމާބެހޭ ފަރާތްތަކަށް ފުރަތަަ ގުޅާފައި އެކަން އެންގި އެކަކީ އޭނާގެ ރައްޓެއްސެކެވެ.

އަލިފާން ނިއްވުމަށް ފެންޖަހާ ހޮޅި އާންމުންނާއި ފުލުހުން ފެންހޮޅި އުފުލައިގެން / ފޮޓޯ: އައިޝަތު ޝާޒުލީން | ދަޕްރެސް

"ތެދެއް އެންގިތާ އިރުކޮޅެއްގެ ތެރޭގައި ފަޔާ ވެހިކަލް އައި، އެކަމަކު އޭގައި ތިބީ 3 މީހުން، އަޅައިގެން ތިބީ އެމްޕީއެލް ސަރަހައްދުގައި އުޅޭ މީހުން އަޅާ ކަހަލަ ހެލްމެޓެއް، އަލިފާން ނިއްވާ އެއްވެސް އާލާތެއް އެއިން މީހެއްގެ އަތުގައި ނެތް. އައީވެސް ކަންބަލަން ދުއްވާ އެ ކުޑަ ފެން ލޮރީ. އޭގެ ހޮޅިން ފެނެއް ޖެހޭ ވަރެއް ނުވި، ފެން ދޫކޮށްލިތަނާ ތެމުނީ ހޮޅީގައި ހިފައިގެން ތިބި މީހުން" އެ ހާދިސާގައި އަލިފާން ނިއްވަން ދިޔަ އެމްއެންޑީއެފްގެ ފަޔާ ލޮރީގެ ހާލަތު ކިޔައިދެމުން އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އޭރުވެސް އެ ސަރަހައްދުގެ ގޭގެއިން މީހުން ފައިބައިގެން ސަލާމަތްވާން ދުވަމުން ދިޔަ ކަމަށެވެ. ނަމަވެސް އޭރު އަދި އޭނާގެ ބޭބެ (ގާރީ ރަޝީދު) ގެ އާއިލާ ނުނުކުމެއެވެ.

"މަ ބުނިން ސިފައިން ކައިރީ އެގޭގައި މަގޭ ބޭބޭމެން ވެއްޖޭ، އަރާށޭ. ސިފައިން ނާރާ. އަނެއްކާ މަބުނެފިން އަރާށޭ، ނޫނީ މަ މިއަރަނީއޭ. ބުނީމަ އެމީހުން އެރީ" އެހާދިސާގައި ކަން ހިނގިގޮތް ކަމަށް ސަންމު ކިޔައިދިނެވެ.

އެކަކު ނިޔާވެ އެތައް ބައެއްގެ ދިރިއުޅުން ވެއްޔާ މޮޑެވިގެން ދިޔަ ހިތާމަވެރި ހާދިސާގައި ގާރީގެ އާއިލާގެ 5 މީހުނަށް ނުމުކެވުނީ އަލިފާންގަނޑު ރޯވިތާ ދޮޅުގަޑިއިރެއްހާ އިރު ފަހުންނެވެ. އެމީހުން ނުކުތީ ސިފައިންގެ އެހީތެރިކަމާއެކު ވައިގޮޅިންނެވެ.

"އޭރުވެސް މަ ހުރިން ބޭރުގައި، މަ ބުނިން އަދިވެސް މީހަކު ވެއްޖޭ. އޭނާގެ މީހަކު އެބަބުނެއޭ ތިމަންނާއަށް ގުޅާފަ ބުންޏޭ ސަލާމަތް ކޮށްދޭށޭ، އެކަމަކު ސިފައިން އެގޭ މައްޗަކަށް ނަރާ" އޭނާ އިޝާރާތް ކުރީ ހ. ރަދުވާނިއާގޭގެ 3 ވަބަ ބުރީގައި ނިޔާވި ތ. ބުރުނީ އައިޝަތު ޝައުނާގެ ވާހަކައަށެވެ. ސަންމު ބުނީ، އޭނާއަށް އިތުރު މީހަކު އެ އިމާރާތުގައި ވާ ކަން އެނގުނީ މަގުމަތީގައި ހުރި މީހަކު ރޮއެ ހޭރެމުން އޭނާގެ ދައްތަ އެ އިމާރާތުގައި ވެއްޖެ ކަމަށް ބުނުމާއި، ސަލާމަތް ކޮށްދޭން އެދުމާއެކު ފޯނު ކެނޑުނު ވާހަކަ ބުނީމައި ކަމަށެވެ.

"ނޭނގެ ކާކު ކަމެއް، އެކަމަކު އޭނާ ރޮއެގަންފައި ބުނީ މަގޭ ދައްތަ ވެއްޖޭ" ސަންމު ބުންޏެވެ.

ސަންމުގެ އިތުރުން، ނިޔާވި ޝައުނާގެ ބޭބެ ސިރާޖުގެ ފަރާތުން އެނގުނު ގޮތުގައި ޝައުނާ ސިރާޖަށްވެސް ގުޅިއެވެ. އަދި އޭނާ އެތެރޭގައި ތާށިވެފައި ހުރި ކަމަށާއި، ނުކުމެވޭނެ ގޮތެއް ނެތް ކަމަށް ބުނިކަމަށް އޭނާ ކިޔައިދީފައި ވެއެވެ. އަދި ޝައުނާގެ އެންމެ ފަހު ބަހަކަށް ވީ 'ހިތް ހެޔޮ ކުރާތި' ކަމަށްވެސް ސިރާޖު ވަނީ 'ދަޕްރެސް' ގެ ނޫސްވެރިންގެ ގާތުގައި ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެއަކުން އުމުރުން ދުވަސްވީ މީހަކު ބަޔަކު ނެރެނީ

އަލިފާން ނިންވަން އެމްއެންޑީއެފް އުޅުން

ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުން އެސަރަހައްދަށް ދިޔައެވެ. ވީޑިއޯއާއި ފޮޓޯތަކުން ފެންނަ ގޮތުގައި ފުރަތަމަ ހަރަކާތްތެރިވީ ފެންޖަހަން ގެންގުޅޭ ކުޑަ ލޮރީގައެވެ. އޭގެ ހޮޅި ހިމަކަމާއި ޕްރެޝަރެއް ނެތްކަން ފާހަގަ ކުރެވުނެވެ.

"އެއްވެސް ޕްރެޝަރެއް އެއަކު ނެތް، މިބުނީނު ފުރަތަމަ ފެން ދޫކޮށްލުމާއެކު އައީ ގަޔަށޭ، އިރުކޮޅެއް ނުވެ ހޮޅި އެލިއްޖެ، އެއިން ފެން ހުސްވީ" ސަންމު ކިޔައިދިނެެވެ.

ފެން ޖަހަން ގެންގުޅޭ ބޮޑެތި ލޮރީތައް އެސަރަހައްދަށް ދިޔަ އިރު އަލިފާންގަނޑު ވަނީ މުޅި ސަރަހައްދަށް ފެތުރި މަގުމަތީގައި ހުރި ސައިކަލުތަކާއި ހ. އަލްފާގެ އިތުރުން އެގޭގެ ބިއްދޮށުގައި ހުރި ބައެއް ގެތަކަށްވެސް ފެތުރިފައެވެ.

"ވަރަށް މަސައްކަތުން މަގުމަތިން ސައިކަލުތައްވެސް ހުސްކޮށްލެވުނީ، އެހެން ނޫންނަމަ އެތައް ސަތޭކަ ސައިކަލެއް ދިޔައިސް. އެހާ ވަރު ވަމުން ދިޔަ އިރުވެސް ސިފައިން ނުބުނޭ އާންމުން ކައިރީ ސައިކަލުތައްވެސް ދުރައް ޖައްސަން. މާ ފަހުން ބުނަނީ" ކަން ހިނގަމުން ދިޔަ ގޮތް ރުޅިވެރިކަމާއެކު ސަންމު ކިޔައިދިނެވެ.

އަލިފާން ނިއްވަން ފެންޖަހާ ބޮޑެތި ލޮރީތައް އައިއިރު ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ނުވެ ގަދަވަމުން ދިޔައީ އެ މަންޒަރު ބަލަން ތިބި ބައެއްގެ ހިތަށް ބިރުވެރިކަން ވައްދަމުންނެވެ. އެހާވެސް ގަދަޔަށް ރުޅިވެރިކަމާއެކު އަނދަމުން ދިޔައެވެ. އިމާރާތް ކުރަމުން ދިޔަ ގޭގޭގެ ބޭރުން ޖަހާފައި ހުރި ބިއްގަނޑުތަކުގެ ދަގަނޑުތައް ވިރިގެން ވެއްޓެމުން ދިޔައެވެ.

"އެ އައި ލޮރީގެ ހޮޅީގައި ހިފި އެންމެންވެސް ތެމުނީ، ހޮޅި މުރަނަވެގެން ގޮސް ފަޅަފަޅައިގެން ގޮސްފަ އެ އޮތީ" ފެންޖަހަން އައި ބޮޑެތި ލޮރީތަކުގެ ވާހަކައަށް އިޝާރާތް ކޮށް ސަންމު ބުންޏެވެ.

ރޯވި އަލިފާންގަނޑު ނިއްވުމުގައި ގޮން ޖެހުންތައް ކުރިމަތިވަމުން ގޮސް އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދިނުމަށް އޭރުވެސް އެމްއެންޑީއެފުން ދިޔައީ 'ހެސްކިޔާފަ' މަސައްކަތް ކުރަމުންނެވެ. ފުލުހުންނާއި އާންމުން އަދި ޑޮކްޓަރުންނާއި އެހީތެރިން އަވަދި ނެތި އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ.

އަލިފާން ރޯވީ ކެމިކަލް ހުރި ގުދަނެއްގައި ކަމަށް ވުމުން، ރޯވެ ފެތުރެމުން ދިޔަ އަލިފާންގަނޑު ވަރުގަދަ ވެގެން ދިޔައީ ގޮވުމާއެކު މުޅިތަނަށް ކެމިކަލް ފެތުރެމުން ދިޔުމުންނެވެ. ގޭގޭގެ ފާރާއި، ކޮންކްރީޓް ސީލިން ފޫއަޅުވަމުން އަލިފާންގަނޑު އަރަމުން ދިޔަ އިރު މަގުމައްޗަށް އެޅިފައި ހުރި ކެމިކަލްގައި ރޯވެ އަނދަމުން ދިޔަލެއްވެސް މަޑެއް ނޫނެވެ.

އެމްއެންޑީއެފްގެ ލޮރީތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދިޔަ އިރު އެއާޕޯޓުގައި، މަތިންދާބޯޓު ފަހަރުގައި ހިނގާ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމަށް ހާއްސަ ޓީމާއި ލޮރީ އައިސް ގުޅުނީ އެހާ ހިސާބުންނެވެ. އެ ލޮރީން ފޮގް ޖަހަން ފެށުމާއެކު އަލިފާންގަނޑު ކޮންޓްރޯލް ވަމުން ދިޔައެވެ. މާ ގިނަ އިރެއް ނުވެ އަލިފާން އެއްކޮށް ނިއްވާލައި ރޯވި ސަރަހައްދަށް ވަދެވޭ ވަރު ކުރިއެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާގެ މަހާނަ

ނިޔާވި އައިޝަތު ޝައުނާ ފެނުން

އޭރުވެސް ގެއްލިފައި ވި ޝައުނާގެ ހަބަރެއް ނުވެއެވެ. އެމްއެންޑީއެފުން އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލީ ހޯދާފައެވެ. އެތައް ބުރަކަށް، އެތައް ފަހަރަކު އޭނާ ފެނޭތޯ އެ ބޯ ދުމާއި އަލިފާނުގައި މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

"ކުރަންވާ ވަރަށް ކުރި ކަމަކަށް މަ ގަބޫލެއް ނުކުރަން، ދުން ބޮލިއްޔާ ދުން ފަޅާފައި ވަދެވޭ ވަރު ލައިޓު އެމީހުންގެ އަތުގައި ހުންނަން ވާނެ، އަލިފާންގަނޑުގެ ތެރޭގައި ހަރަކާތްތެރިވާނެ ގޮތް އެނގެންވާނެ، އެކަމަކަށް ނޫންތަ ޓްރޭނިން ހަދާފަ ތިބެނީ. މަ ހީކުރީ އެމީހުން ޓްރޭނިން ހަދާފައި ތިބެނީ ކަންކަން ވެ ނިމުނީމައި ސާފުކުރަން ތިބޭ ބަޔަކަށް ވުރެ ބޮޑަށް މީހުންވެސް ސަލާމަތް ކުރަން ކަމަށް" ހިތްހަމަ ނުޖެހުމާއެކު ސަންމު ބުންޏެވެ.

ރޭގެ އެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާ، 46 ފެނުނީ، އަލިފާން ނިއްވާލެވުނު ފަހުން ހ. ރަދުވާނިއާގޭ 3 ވަނަ ފަންގެފިލާގައި ނިޔާވެފައި އޮއްވައެވެ. މަރުހޫމާގެ މައްޗަށް ކަށުނަމާދު ކޮށްފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ކަލާފާނު ސްކޫލުގައި ތިބި މީހުންނަށް ހަދިޔާކުރި ތަކެތި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ހާލުގައި ޖެހުނު މީހުންނަށް އެހީވުން

ރޭގެ އަލިފާނުގެ ހާދިސާފައި އެކިވަރުގެ އަސަރުތައް ކޮށްގެން 400 އެތައް މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. ވަގުތީ ހިޔާ ހަދައި އެތަންތާނގައި ކާބޯތަކެއްޗާއި އަންނައުނު ދީފައި ވެއެވެ. އަދި ނިދޭނެ އިންތިޒާމުތައްވެސް ހަމަޖެއްސިއެވެ. ރޭގެ އެހާދިސާގައި އަލިފާނުގެ އަސަރު ކުރި މީހުންގެ ތެރޭގައި ބޭރު މީހުންވެސް ހިމެނުނެވެ. އެމީހުންނަށް އަޅާލުން ކުޑަ ވާހަކަ ބައެއް ފަރާތްތަކުން ދައްކަމުން ދިޔަ ނަމަވެސް އެމީހުންނަށްވެސް އެކިފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަން 'ދަޕްރެސް' އަށް ވަނީ އެނގިފައެވެ.

އަލިފާން ހިފާ ޒާތުގެ އެއްޗެހި މީހުން ދިރިއުޅޭ ސަރަހައްދުގައި ގެން ގުޅުން

އެމްއެންޑީއެފުން ބުނީ މާލޭގައި 126 ގުދަނެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށެވެ. އަދި އެ ގުދަންތަކަކީ އެކިއެކި ޒާތުގެ އެއްޗެހި ރައްކާ ކޮށްފައި ހުންނަ ގުދަން ކަމަށް ވާއިރު ބައެއް ގުދަންތަކުގައި އަލިފާން ހިފާ ޒާތުގެ ތަކެތި ހުރިކަން ފާހަގަ ވެފައި ވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.

'ހައިލީ ފްލޭމަބަލް ލިކްއިޑް' ނުވަތަ އަލިފާން ހިފާ ޒާތުގެ ތަކެއްޗަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް، ކޮންމެހެންވެސް ގެންދަން ޖެހޭ ތަކެއްޗެވެ.

މާލޭގެ ކާރޫބާރު ބޮޑު މަގުތަކާއި ތޮއްޖެހިފައި ހުންނަ ގެ ތަކަކީ، އަލިފާނުގެ ހާދިސާއެއްފަދަ ނުރައްކާތެރި ކަމެއް ހިނގައި ހާލަތެއްގައި އޭގެ ގެއްލުން ގިނަބަޔަކަށް ފޯރުމުގެ ފުރުސަތު އޮތް ތަންތަނެވެ. 'ރައްކާވެ ތިބިއްޔާ ދަތުރެވެ'.