ރާއްޖޭގެ އެންމެ ގިނަ ދުވުންތެރިންނަށް ދުވުމުގެ ފުރުސަތު ލިބޭ އެންމެ ބޮޑު އިވެންޓު ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނިންމާލައިފިއެވެ.
2007 ވަނަ އަހަރުން ފެށިގެން ވިދިވިދި ގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި ރޭސް މިއަހަރު ބާއްވަން ދިރާގުން ނިންމާފައި ވަނީ އެހެން އަހަރުތަކާ ހިލާފު ވަރަށް ގިނަ ކަންތައްތަކެއް އެކުލަވާލައިގެންނެވެ. އެގޮތުން މި އަހަރުގެ ރޭސް ވަނީ ދެ ކެޓެގަރީ އަކަށް ބަހާލާފައެވެ. އެއީ 5 ކިލޯމީޓަރާއި 10 ކިލޯމީޓަރަށެވެ. 10 ކިލޯ މީޓަރުގެ ކެޓެގަރީ މިއަދު ހެނދުނު ނިންމާލާފައިވާއިރު، 5 ކިލޯ މީޓަރުގެ ދުވުން ނިންމާލާފައި ވަނީ މިއަދު ހަވީރެވެ.
މިއަދު ހެނދުނު 6:00 ގައި ބޭއްވި 10 ކިލޯ މީޓަރުގެ ދުވުން ނިންމާލާފައިވާއިރު، ދިރާގުން ވަނީ އެދުވުމުން ވަނަ ވަނައަށް ދިޔަ ދުވުންތެރިން އަންހެން ފިރިހެން ވަކިން ހޮވާފައެވެ.
އަންހެން ދުވުންތެރިން:
ގޯލްޑް މެޑަލް - އާމިނަތް ޖާއިޝާ ޖުނީޒް
ސިލްވާ މެޑަލް - މަރިޔަމް އަބްދުލް ކަރީމް
ބްރޯންޒް މެޑަލް - ޕެޓްރިޝިއާ ދޮރީން ގޮމޭޒް
ފިރިހެން ދުވުންތެރިން:
ގޯލްޑް މެޑަލް - ހުސެއިން ފަޒީލް
ސިލްވާ މެޑަލް - މުހައްމަދު ރަޝީދު
ބްރޯންޒް މެޑަލް - ޝިފާޒް މުހައްމަދު
ދިރާގު ރޯޑް ރޭހުގެ ދެވަނަ ކެޓެގަރީގެ ދުވުން، 5 ކިލޯމީޓަރުގެ ދުވުން މިއަދު ހަވީރު 4:30 ގައި ހުޅުމާލޭގައި ބޭއްވިއިރު، އެވަގުތުު ހުޅުމާލެއަށް ދިޔައީ ވާރޭ ވެހެމުންނެވެ. ނަމަވެސް ރޯޑް ރޭހުގެ ދުވުންތެރިން ވަނީ މޫސުމެއް ބެލުމެއް ނެތި ރޭސް ވަރަސް ފުރިހަމައަށް ނިންމާލާފައެވެ.
ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. 2007 ވަނަ އަހަރުގައި ދިރާގުން ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނައަހަރެވެ. މި އަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށް ދިރާގުން ބުނެއެވެ.