ފުވައްމުލަކުގައި އަންހެން ކުދިންނަށް ކޯޑު ކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފެއްޓުމަށް ހަމަޖެހިއްޖެއެވެ.
އަންނަ އާދިއްތަ ދުވަހު 'ގާލްސް ޓު ކޯޑް'ގެ ނަމުގައި ފުވައްމުލަކުގައި ފެއްޓުމަށް ހަމަޖެހިފައިވާ ޓްރޭނިން ސީރީޒް އަކީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑް ކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ އަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.
"ގާލްސް ޓު ކޯޑް" ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ވެބް ޑިވެލޮޕްމަންޓް ނުވަތަ ކޯޑު ކުރުމަށް ޝައުގުވެރިކަން ހުންނަ އަންހެން ކުދިންނަށެވެ. މި ޓްރޭނިންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ހޯދުމަށް ފުވައްމުލަކުގެ ހާފިޒް އަހްމަދު ސްކޫލް، މަދަރަސަތުލް ޝައިހް މުހައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލަށް ސްކޫލް އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒާއި ޕޮރްގްރާމާއި ބެހޭ މައުލޫމާތު ހިއްސާ ކުރެވިފައިވެއެވެ. އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖު ތަކުން މިމަހު 12 ވަނަ ދުވަހުން ފެށިގެން ޕްރޮގްރާމްގައި ރެޖިސްޓްރީ ވުމަށް އޮންލައިން ފޯމް މެދުވެރިކޮށް އެޕްލައި ކުރެވޭގޮތް ވަނީ މަގުފަހިކޮށްފައެވެ.
ދެ މަސް ދުވަހުގެ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ. 20 ކުދިންނަށް އަމާޒުކޮށްގެން ފައްޓާ މިޕްރޮގްރާމްގެ ޖާގަ ފުރުމުން ކޯސް ފެއްޓުމަށް ކަނޑައެޅިފައި ވަނީ އަންނަ އާދިއްތަ ދުވަހެވެ.
"ގާލްސް ޓު ކޯޑް" ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން އަމިއްލައަށް ވެބްސައިޓެއް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭވޭނެއެވެ. އަދި ކްލާސްރޫމުގައި ނަގާދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައެވެ.
ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތައާރަފުކުރުން ވަރަށް މުހިންމުކަމަށެވެ. ދިރާގުން މައުލޫމާތު ދިން ގޮތުގައި ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އިތުރު ހާއްސަ އަހައްމިޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެކެވެ.
މިޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، މި ސީރީސްގެ އެހެން ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައިވެސް ހިންގުމަށް ވަނީ ރޭވިފައެވެ.