އެމެރިކާ އިސްވެ އޮވެގެން އަފްގާނިސްތާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ އެންމެ ބޮޑު ޝިކާރައަކަށްވެފައިވަނީ އަފްގާނިސްތާނުގެ އާންމު ރައްޔިތުން ކަމަށް އަފްގާނިސްތާނުގެ މަސްރަހު ދިރާސާކުރަމުންދާ އެނަލިސްޓަކު ބުނެފިއެވެ.

ޗައިނާގެ ޓީވީއަކަށް ދިން ބަސްދީގަތުމެއްގައި އަފްގާނިސްތާނުގެ ސިޔާސީ އެނަލިސްޓް ވާހިދު މަޒްދާ ވަނީ ފާއިތުވީ 18 އަހަރު ދުވަހު، އެމެރިކާގެ އަސްކަރީ އިއްތިހާދުން އަފްގާނިސްތާނުގައި ހަރަކާތްތެރިވެގެން ހާސިލުވިކަމަކާ މެދު ސުވާލު އުފައްދާފައެވެ.

އެމެރިކާއިން އަފްގާނިސްތާނުގައި ކުރަމުންދާ ހަނގުރާމާގައި، އަފްގާނިސްތާނުގެ އާންމު ރައްޔިތުންގެ ބައި މިލިއަނެއްހާ މީހުން މަރާލާފައިވާކަމަށާ، ނަމަވެސް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ބަޔަކު ނުވާކަން ވާހިދު މަޒްދާ ވަނީ ފާހަގަކޮށްފައެވެ.

ބައިނަލްއަގުވާމީ މުޖުތަމައަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރަމުން ވާހިދު މަޒްދާ ބުނީ، ތޯލިބާނުންގެ ޝަކުވާ ކިތަންމެ ވަރަކަށްވެސް ބައިނަލްއަގުވާމީ މުޖުތަމައުން އުފުލާ ކަމަށާ، ނަމަވެސް އެމެރިކާގެ އަސްކަރީ ކޯލިޝަނުން އަފްގާނިސްތާނުގެ ފަސްގަނޑުގައި، އަފްގާނިސްތާނުގެ އަމިއްލަ ރައްޔިތުން މަރަމުންދާ މައްސަލައާއި ގުޅިގެން ވާހަކަ ދައްކާނެ ބަޔަކު ނެތް ކަމަށެވެ.

އަފްގާނިސްތާނުގެ މަސްރަހު ދިރާސާކުރަމުންދާ މުރާސިލުންނާ އަފްގާނިސްތާނުގެ ރައްޔިތުން އިއްތިފާގުވާ އެއްކަމެއް އޮވެއެވެ. އެގޮތުން އެމެރިކާ އިސްވެ އޮވެގެން އަފްގާނިސްތާނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކަކީ، އަފްގާނިސްތާނުގެ ރައްޔިތުންނަށް ވެދާނެ ގޮތެއް ބެލުމެއް ނެތި، އެމެރިކާގެ މަސްލަހަތަށްޓަކައި އެގައުމުން ހިންގާ އޮޕަރޭޝަންތަކެއް ކަމަށް މިބައި މީހުން ބުނެއެވެ.

އެމެރިކާއިން އަފްގާނިސްތާ ނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް މިއިންދުވަހަކު ހުއްޓިދާނެ ކަމުގެ އިޝާރާތެއް އަދި ލިބިފައި ނުވާއިރު، ހުސްވި ހަފުތާ ތެރޭގައި ހިންގި މިފަދަ އޮޕަރޭޝަންތަކުގައިވެސް އާންމުންގެ ގިނަ ބައެއްގެ ފުރާނަވަނީ ގެއްލިފައެވެ.

އެމެރިކާއިން އަފްގާނިސްތާނުގައި ކުރާ ހަނގުރާމައަކީ ކޮބާ؟

އެއީ އާ ސަސްކަފަށް ފެށުނު ދުވަސްވަރެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަކީ އަދުގެ ޖީލަށް އިތުރު ތައާރަފަކަށް ބޭނުންވާނެ ދުވަހެއް ނޫނެވެ. އެއީ އެމެރިކާގެ ތާރީހުގައި އެގައުމު ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާ އަމާޒުވި ދުވަހެވެ. 3000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދިޔަ އެ ހަމަލާތަކުގެ ފަހަތުގައި ހުރީ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންކަން ހާމަވިއެވެ.

އެދުވަސްވަރު އަފްގާނިސްތާނުގައި އަތްގަދަކޮށްފައިވަނީ ހަނގުރާމަވެރި ތޯލިބާނު ޖަމާއަތެވެ. އެ ޖަމާއަތުން ދިޔައީ ބިން ލާދިންއަށް ހިމާޔަތް ދެމުންނެވެ. އަދި އެމެރިކާއާއި އޭނާ ހަވާލުކުރުމަށް އިންކާރުވެސް ކުރަމުންނެވެ. އޭގެ 1 މަސްދުވަސްފަހުން އެމެރިކާއިން އަފްގާނިސްތާނަށް އަސްކަރީ ބާރާއެކު ހަމަލާދިނެވެ. އިތުރު ގައުމުތަކުން މި ހަނގުރާމައިގެ ތެރެއަށް ވަންނަމުންދިޔަ ވަރަކަށް އަފްގާނިސްތާނުގައި އޮތް ތޯލިބާނުންގެ ބާރު ފަނޑުވާން ފެށިއެވެ. ނަމަވެސް އެ ޖަމާއަތް މުޅިން ނައްތައެއް ނުލެވެއެވެ. ނުފޫޒުވީ އިތުރަށް ގަދައެވެ. އަދި އެކި ހިސާބުތަކުގައި ފިލާތިބެގެން ޖަމާއަތުގެ ބާރު ހިންގަމުންދިޔައެވެ.

އޭގެ ފަހުން އަދާ ހަމައަށް އައިއިރުވެސް އަފްގާނިސްތާނުގައި ދެމެހެއްޓެނިވި ސަރުކާރެއް އެކުލަވާލުމަށް އެއްބާރުލުން ދިނުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވަނީ ފެއިލްވެފައެވެ. ނުވިތަނަކަށް ތޯލިބާނުންދޭ ވަރުގަދަ ހަމަލާތައް ހުއްޓުވުމާލުމަށްވެސް ދުނިޔޭގެ އެންމެ ބިޔަ އަސްކަރީ ބާރު ކަމުގައި ގިނަ ބަޔަކު އިއްތިފާގުވާ އެމެރިކާ އޮތީ ނުކުޅެދިފައެވެ.