މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުއްވާލައިފިއެވެ.

މި ފުރުސަތު ހުޅުވާފައި ވަނީ މިއަދުން ފެށިގެން މިހިނގާ ސެޕްޓެންބަރު މަހު 30 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ. މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ހުޅުވާފައި މި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީއެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނެސް، އެ އިސްލާހު ފާސް ކުރުމަށްފަހު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އިސްލާހު ވެސް ވަނީ މިމަހު ތިން ވަނަ ދުވަހު ފާސްކޮށްފައެވެ. އެ އިސްލާހަކީ، މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރާނީ މަޖިލީހުގެ ރުހުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ނިންމުމެވެ. އިސްލާހުތަކާ އެކު ރައީސް ސޯލިހް ވަނީ މިދިޔަ ބްރާސްފަތި ދުވަހު މި ބިލު ތަސްދީގު ކުރައްވާފައެވެ.