އައްޑޫގައި ޝްރިމްޕް (ޑިންގާ) އާލާކުރާ ފާމެއް ގާއިމް ކުރުމަށް ޗެލެންޖުތައް ހުއްޓަސް އައްޑޫގެ ކާމިޔާބަށް މަސައްކަތް ކުރައްވާނެ ކަމަށް ސައިރިކްސް ކޮލެޖުގެ ޗެއާމްނަ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖުން އިސްނަގައިގެން ސ. ހުޅުދޫގައި ޝްރިމްޕް ފާމެއް ގާއިމް ކުރުމަށް، ދިރާސާ ކުރުމަށް ތައިލެންޑުން ތަޖުރިބާކާރުންގެ ޓީމެއް ހުޅުދުއަށް ވަނީ ޒިޔާރަތް ކޮށްފައެވެ. މި ފާމް ގާއިމް ކުރުމާ ބެހޭގޮތުން ޝަރީފް ވިދާޅުވީ، މިކަމަށް ހުރި ދަތި އުދަނގޫތައް އެނގިލައްވާ ކަމަށާ، އެ ދަތިތައް ހުއްޓަސް އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް އައްޑޫގެ ކާމިޔާބީއަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޝްރިޕް ފާމު ދިރާސާ ކުރުމަށް ހުޅުދޫއަށް ޒިޔާރަތް ކުރަމުންދާ ތަޖުރިބާކާރުންގެ ޓީމު ވަނީ ޝްރިމްޕް ފާމު ގާއިމްކުރުމާ ބެހޭގޮތުން މިނިސްޓާ އޮފް ފިޝަރީސް، މެރިން އެންޑް އެގްރިކަލްޗާ ޒަހާ ވަހީދުއާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

ޝްރިމްޕް ފާމު ދިރާސާ ކުރާ ޓީމް ސ.ހުޅުދޫގެ "މާފިށި ކިޅި" ދިރާސާކުރަނީ

އެ ޓީމުން ވަނީ އިއްޔެ ހުޅުދޫގެ "މާފިށި ކިޅި"، "އަޑި ތުނޑިޔާ' އާއެކު ޝްރިމްޕް ފާމު އާލާކޮށް ދިރިވުމަށް އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި މި ކިޅި ވަށައިގެން ކެންވަސްޕޫލް ހަދައިގެން ޝްރިމްޕް އާލާ ކުރެވިދާނެ ކަމަށާއި، މިކަން ކުރާނެ ގޮތުގެ ހުދު ކަރުދާސް ސައިރިކްސް ކޮލެޖުގެ ޓީމުން އެކުލަވަލާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝްރިމްޕް އާލާކުރާ ފާމެއް ގާއިމް ކުރުމަކީ ސައިރިކްސް ކޮލެޖުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ ދަށުން ހިންގާ މަޝްރޫއެކެވެ.