އިންޑިއާގެ އައްސާމް ސްޓޭޓްގެ ދަރާންގް ޑިސްޓްރިކްޓްގެ ފުލުހުންގެ އައުޓްޕޯސްޓެއްގައި މާބަނޑު އަންހެނަކާއި އިތުރު 2 އަންހެނަކު އޮރިޔާންކޮށް ލާއިންސާނީ އަނިޔާދީފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ކުރި އަނިޔާގެ ސަބަބުން މާބަނޑު އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހެނު ކަމަށާ، އޭނާގެ ދަރިފުޅުވެސް އެބޯޓްކޮށްލަންޖެހުނު ކަމަށް ޚަބަރު ލިބެއެވެ.

މިކަމެއް ހިނގީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ކަމަށާ، ނަމަވެސް މިހާރު މިކަން ހާމަވީ އަނިޔާ ލިބުނު ފަރާތްތަކުން މީޑިއާއަށް އެކަން އެންގުމުން ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

އަނިޔާ ލިބުނު ފަރާތްތަކުން، ކަމާބެހޭ ފަރާތްތަކަށް މީގެ ކުރިން މައްސަލަ ހުށަހެޅި ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އެ މައްސަލަ ފައިލްކޮށްފައި ނުވާކަމަށް އަނިޔާ ލިބުނު ފަރާތްތަކުން ބުނެއެވެ.

އެއް އާއިލާއަކަށް ނިސްބަތްވާ 3 އަންހެނުން ފުލުހުންގެ ޕޯސްޓަށް ގެންގޮސް އޮރިޔާންކޮށް އަނިޔާކޮށްފައިވަނީ މީހަކު ވަގަށް ނެގި މައްސަލައަކާ ގުޅިގެން ކަމަށްވެސް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.