އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އިން މިއަދު އާ ލޯންޗެއް ތައާރަފުކޮށްފިއެވެ.

އަލްޝާލީ މެރިން އިން މިއަދު ނެރުނު މި ލޯންޗަކީ 31 މީހުންގެ ޖާގައިގެ 39 ފޫޓު ދިގު ލޯންޗެކެވެ. އެ ކުންފުނިން ރާއްޖޭގެ ކަނޑު ތަކަށް ހާއްސަކޮށް ފަރުމާ ކޮށްފައިވާ މި ލޯންޗަށް އެ ކުންފުނިން ނަން ދީފައި ވަނީ "ކޯސްޓް ކްރާފްޓް 38 ޕްލަސް" ގެ ނަމުގައެވެ.

އަލްޝާލީގެ އޮޕަރޭޝަން މެނޭޖަރު އިސްމާއީލް ޝަރީފު ވިދާޅުވީ މި ބޯޓު ފަރުމާކޮށްފައިވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯޓް ޝޯގައި ދައްކާލުމަށް ކަމަށާއި، މިއީ މި ބްރޭންޑުގެ ފުރަތަމަ ލޯންޗަށް ވާއިރު މިއީ އާންމުކޮށް ހުންނަ ލޯންޗުތަކަށް ވުރެ، ޖަހާ ރާޅަށް ގަދަ ލޯންޗެއް ކަމަށެވެ.

އަލްޝާލީ މެރިން މޯލްޑިވްސް އިން ތައާރަފްކުރި "ކޯސްޓް ކްރާފްޓް 38 ޕްލަސް" / އަލްޝާލީ

މި ލޯންޗަކީ އަލްޝާލީގެ އެހެން އުޅަނދު ތަކެކޭ އެއްފަދައިން، އޮނިގަނޑަށް ފެނުގެ އަސަރުކޮށްގެން ހަލާކުވެ، ފީވެގެން ދާނެ މެޓީރިއަލަކާ ނުލައި ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މި ލޯންޗުގެ އިންޓީރިއާ އާއި ސްޓްރަކްޗާ ވެސް ފަރުމާކޮށްފައިވާނީ ކަސްޓަމަރު ބޭނުންވާ ގޮތަށް ޖާގަ ތަނަވަސްކޮށެވެ. އަދި ލޯންޗު ބަނދެފައިވާނީ ސަލާމަތީ ގޮތުން ރައްކާތެރިކޮށެވެ.