ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ނިންމައިފިއެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވަކިކުރަން ނިންމި ދެ ފުލުހުންނަނީ ރިޟްވާން ވީނުވީއެއް ނޭނގި ގެއްލުނުފަހުން، އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާ ކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓެއް ހެދުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ ދެ ފުލުހުންނެވެ.
މި ދެ ފުލުހުން ރިޟްވާންގެ ޕާސްޕޯޓް ހައްދަން މަސައްކަތް ކުރިކަން ހާމަވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މީހުންގެ މަރުތައް ތަހުގީގު" ކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ރިޟްވާންގެ ޕާސްޕޯޓު ހަދަން މަސައްކަތް ކުރީ ޕޮލިސް އިންޓެލްގައި މަސައްކަތް ކުރަމުން ދިޔަ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހާއި އިބްރާހިމް ރިއްފަތު ކަމަށެވެ.
މަރު ކޮމިޝަނުން އާންމު ކުރި ރިޕޯޓާއި ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ ދެ ފުލުހުން ވަޒީފާގެ މަސްއޫލިިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަަށާއި، ދެ ފުލުހުންނާ ގުޅޭ އިދާރީ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ބޯޑުން ނިންމި ނަމަވެސް، ރަސްމީކޮށް އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ނުވެއެވެ. އަދި އެ މައްސަލައިގައި ކޮމިޝަނާ ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މީގެ ކުރިން ޖުލައި 13، 2017 ގައި ވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެ ދެ ފުލުހުންގެ މައްސަލަ ބަލަން ފަށާ ރަސްމީ މަސައްކަތުން ދުރުކުރިއެވެ. ނަމަވެސް ކުރީ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ނޮވެމްބަރު 7، 2018 ގައި އަލުން އެ ދެ ފުލުހުން ވަޒީފާއަށް ނެރުނެވެ.
ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން، މުވައްޒަފެއްގެ ކިބައިން ފެންނަ ޑިސިޕްލިނަރީ އަދި އިދާރީ މައްސަލަ އަށް ކަނޑައަޅާ އަދަބަކީ އެ މީހެއްގެ ވަޒީފާ އިން ވަކިކުރަން ނުވަތަ ރޭންކް ދަށްކުރުން ކަމަށް ވާ ނަމަ އެކަން ތަންފީޒުކުރުމުގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސްއާ މަޝްވަރާ ކުރަން ޖެހޭނެއެވެ. އަދި ކޮމިޝަނަރުގެ އެންޑޯޒްމެންޓް ހޯދައިގެން ނޫނީ އެކަން ތަންފީޒުކުރަން ހޯމް މިނިސްޓަރަށް ހުށައެއް ނޭޅޭނެއެވެ.