މަސްތުވާތަކެތީގެ ސަބަބުން ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދަނީ ދުވަހެއް ދުވަހަކަށް ފުޅާވަމުން ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީން ބާއްވާ އޯޕަންޑޭ ހުޅުވުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ، މަސްތުވާތަކެތީގެ ސަބަބުން ނުކުންނަ އިގްތިސޯދީ މައްސަލަތަކުގެ ތެރޭގައި ދިވެހި އިގްތިސޯދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅިގެން ދިއުން ހިމެނޭ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ދައުލަތުގެ އިޖުތިމާޢީއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ހަރަދު އިތުރުވުމާއި، އަމަންއަމާންކަން ބެލެހެއްޓުމާއި، ތަހުގީގީ، ތަންފީޒީ އަދި ޝަރުއީ ދާއިރާއަށް ކުރެވޭ ހަރަދު އިތުރުވެގެން ދިއުމުގެ ސަބަބުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ތަރައްގީގެ މަޝްރޫއަށް ކުރެވޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދާ ކަމަށެވެ. އަދި އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި، ތަފާތު އެކި ބާވަތުގެ ޖިނާއީ ކުށްތަކަށް އަރައިގަތުމާއި އާއިލީ މައްސަލަތައް އިތުރުވުން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބާއްވާ އޯޕަންޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިން / ފޮޓޯ: ޖެންޑާ މިނިސްޓްރީ

މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ އިރު، އެއީ ގައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަން ފާހަގަކުރައްވައި، ގައުމު ބިނާކުރުމުގައި މާދަމާ ހަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށް މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ. އެގޮތުން، މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، ގިނަ ފަހަރަށް ގަބޫލުކުރެވިފައި އޮންނަނީ، އެ ކަމުގެ ސަބަބުން އަސަރުކުރާނީ އެ ކަމުގެ ޝިކާރައަށްވެފައިވާ މީހާއަށް ނުވަތަ އެ ފަދަ މީހެއްގެ އާއިލާއަށް އެކަނި ކަމަށެވެ. ނަމަވެސް މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ޝިދާތާ ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ތެދުވެ، މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ދައުލަތާއި ޖަމްއިއްޔާ ޖަމާއަތްތަކުގެ ޝާމިލުވުމާއެކު، މެދުކަނޑުމެއް ނެތި ކުރެވެމުންދާ މަސައްކަތްތަކާއެކު ވެސް މަސްތުވާތަކެތި ބޭނުންކުރުމާއި، މަސްތުވާތަކެތި ގެންގުޅުމާއި މަސްތުވާތަކެތި ވިއްކުމުގެ މުއާމަލާތްތައް މުޖުތަމައުގައި ދެމިގެން ދިއުމަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރިކުރުމުގައި ގެންގުޅޭ ވައްޓަފާޅި ބަދަލުކޮށް، އެ ވިޔަފާރިކުރުމަށް އައު ގޮތްތައް ހޯދަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގައި ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ ކަން ފާހަގަކުރައްވައި، އީޖާދުވަމުންދާ އައު ގޮތްތަކާ އެއްހަމައެއްގައި މަސައްކަތް ވެސް ކާމިޔާބުކުރުމަށް ޓަކައި އައާ ތަސައްވުރުތައް އެކުލަވައިލައި އާ ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް މިިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޅި މުޖުތަމައަށް ކުރާ އަސަރު އެންމެހައި ފަރުދުންނަށް ވިސްނޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.