މާލޭގައި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 9:30 ހާއިރު މާފަންނުގައި ހުރި ގެއެއްގައި މީހަކު މަރުވެފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން މަރުވެފައިވާ މީގާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށާ، މަރުވެފައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.