އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތުކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިގެ އިދާރީ ހިންގުމުގެ ނިޒާމަށް ބަދަލުގެނައުމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއިން އެކުލަވާލި ބިލަށް، އިންޑިއާގެ ސަރުކާރުން 51 އިސްލާހު ހުށަހަޅައިފިއެވެ.

"ޖައްމު އެންޑް ކަޝްމީރު ރީއޯގަނައިޒޭޝަން ބިލް" ގެ ނަމުން ނަންދީފައިވާ މިބިލަށް މިހާ ގިނަ އަދަދެއްގެ އިސްލާހު ހުށަހަޅާފައިވާއިރު، މިއީ މި ބިލާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ތުހުމަތުތަކަށް ބާރުދޭ ކަމަކަށްވަނީ ވެފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މި ބިލަކީ، ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 370 އިންޑިއާގެ ގާނޫނު އަސާސީއިން އުނިކުރުމަށްފަހު، ކުށްލި ގޮތަކަށް އަވަސް އަރުވާލައިގެން އިންޑިއާގެ ސަރުކާރުން ހުށަހެޅި ބިލެކެވެ.

ބިލަށް ހުށަހެޅުނު އިސްލާހުތަކަކީ ބައެއް އަކުރުތައް ނުބައިކޮށް ލިޔެވިފައި ހުރެގެން ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށް އިންޑިއާ ސަރުކާރުން ބުނާއިރު، މި ބިލުގައި ބަޔާންކޮށްފައިވާ މުހިންމު އަހަރެއްވެސް ޖަހާފައިވަނީ ނުބައިކޮށްކަމަށް އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. މިއީ އިންތިހާއަށް މުހިންމު ގާނޫނަކަށް ހެދުމަށް ހުށަހެޅި ބިލެއް ކަމަށް އިންޑިއާ ސަރުކާރުން ބުނާއިރު، މިފަދަ ކުށްތައް ބިލުގައި ހުރުމުން އަންގައިދެނީ، އަވަސްއަރުވާލައިގެން ބިލު ތައްޔާރުކޮށްފައިވާކަން ކަމަށް އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

ހުސްވި މަހުގެ 5 ވަނަ ދުވަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުނު ބިލް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެގައުމުގެ ދާހިލީ ވުޒާރާގެ އިސް އޮފިސަރުންނެވެ. ނަމަވެސް އިމްލާ ކުއްތައްވެސް އިންތިހާއަށް ހުރުމުން، އެކަށީގެންވާ ގޮތެއްގައި ބިލުގެ ދެލިކޮޕީ ކިއާ ފާސްކޮށްފައި ނުވާކަން އަންގައިދޭކަމަށް މުރާސިލުން ބުނެއެވެ.

ޖައްމުއާއި ކަޝްމީރަށް މިނިވަންކަން ލިއްބައިދިން މާއްދާ 370 އުވަލާ، 2 ޔޫނިއަން ޓެރިޓަރީއެއްގެ ދަރަޖައަށް މި ސްޓޭޓްގެ ދަރަޖަ ދަށްކޮށްފައިވާއިރު ޖައްމު އާއި ކަޝްމީރުގެ އިދާރީ ހިންގުންތަކަށް ގެނައި ބަދަލު ތަންފީޒުކުރަން ފަށާނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ޖައްމުއާއި ކަޝްމީރުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ.