ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމު ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިދިޔަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްވަމުން، ރައީސް ވިދާޅުވީ ވަކި މަރުހަލާއެއް ތަފާތު ނުކޮށް، ތަޢުލީމުގެ ހުރިހާ ފުރުސަތުތަކެއް ސަރުކާރުން ފަހިކޮށްދެމުން އަންނަނީ، އުފެއްދުންތެރި ފަރުދުން ތަކެއްގެ އުފެއްދުމުގެ މުހިންމުކަން ބޮޑުވީމާ ކަމަށެވެ.

މިދިޔަ އަހަރުގެ ކޭމްބްރިޖް އިމްތިޙާނުން މަތީ ދަރަޖަ ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ އެތައް ގައުމަކުން އެތައް ލައްކަ ކުދިންނެއް ބައިވެރިވާ މިފަދަ އިމްތިހާނަކުން އެންމެ މަތީ ދަރަޖައިގައި ފާސްވުމަކީ، ކުދިންގެ އިލްމީ ގާބިލްކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށެވެ. އެހެންނަމަވެސް އަދިވެސް ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް މި ދާއިރާއިން މީހުން ބިނާކުރުމާއި އުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ 2018 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން 1 ވަނައަށް އައި 8 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 2018 ވަނަ އަހަރު ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ވަކި ވަކި މާއްދާތަކުން މުޅި ދުނިޔެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި 6 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފައިސަލް ނަސީމެވެ.

މިދިޔަ އަހަރުގެ ތެރޭގައި 6600 ދަރިވަރުން ސާނަވީ ތަޢުލީމް ނިންމި އިރު، ގަދަ 10 ވަނައިގައި 407 ދަރިވަރުން ހިމެނިފައި ވެއެވެ.