ބަލާވެރިކަމެއްގައި ތިބޭ އިރު 1 އަހަރުވެސް އިހުސާސް ކުރެވޭނީ 3 އަހަރުގެ ގޮތުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ކޯލިޝަނުން "ދަވާލައިފި" ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ބައިވެރިވެ ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، ބަލާވެރިކަމެއްގައި ތިބޭ އިރު 1 އަހަރުވެސް އިހުސާސް ކުރެވޭނީ 3 އަހަރުގެ ގޮތުގައި ކަމަށެވެ. ރައީސް ޔާމީނު އިޝާރާތް ކުރެއްވީ ހިނގަމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށެވެ. ހަމަ އެއާއެކު ޔާމީން ވިދާޅުވީ، "އުފާވެރިކަމުގެ ނިއުމަތްތަކުގައި ތިބެފައި، އެ ނިއުމަތްތައް ބީވެގެން ދާއިރު ވެސް ކޮށްގެން މިތިބެނީ ކޮންކަހަލަ ކަމެއް ކަމެއް ވެސް ނުވިސްނޭ" ކަމަށެވެ. އެކަމުގައި ޔާމީން އިޝާރާތް ކުރެއްވީ، ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ﷲގެ ވަހީބަސްފުޅުން ލިބިވަޑައިގަންނަވާ އިރުޝާދަކީ ނިއުމަތްތަކަށް ޝުކުރު ކުރުން ކަމަށެވެ. ޝުކުރު ނުކޮށް އެ ނިއުމަތްތަކަށް ފުރަގަސްވދީ، އޭގެ އަގުވަޒަން ނުކުރެވޭނަމަ، އެ ނިއުމަތްތައް ބީވެގެން ހިނގައިދާނެ ކަމަށާއި، އެ ނިއުމަތްތައް އަނބުރާ އިއާދަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ރައީސް ޔާމީނުގެ ވެރިކަމަކީ "ނިއުމަތެއް" ގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑު ވިދާޅުވެ، ރައީސް ސޯލިހްގެ ވެރިކަމަކީ "ބަލާވެރިކަމެއް" ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުގެ މަޝްރޫއުތައް ލަސް ކަމަށް ވިދާޅުވެ، ސަރުކާރަށް [މަލާމާތް] ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މި ވެރިކަމަށް މިހާރު އެއް އަހަރު ވުމާއި ގާތްވެފައިވާ އިރު، "ރައީސް އޮފީސް ކަލަންޑަރުން 100 ދުވަސް ވީހެން ވެސް" ހީފުޅު ނުވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ވީ 100 ދުވަހުގެ ވައުދުތައް ނުފުއްދޭކަމަށް ވިދާޅުވަމުންނެވެ. ރަޢީސް ޔާމީން ވިދާޅުވީ، ރައްޔިތުން އުފުލަނީ ބުރަ ކަމަށާއި، ބަރުދާސް ކުރަނީ ހިތްދަތިކަން ކަމަށެވެ.
ޕީޕީއެމް އާއި ޕީއެންސީގެ އާންމު ބައެއް މެންބަރުންނާއެކު މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ޔާމީން ވަނީ ހިނގަމުންދާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަލާމާތއ ކުރައްވާފައެވެ.