ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނަޅާފައިވާ ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަކީ ކުށަކަށް ހެދުމަށް ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ހިމަނައިފިއެވެ.

ސަރުކާރުން އިއްޔެ މަޖިލީހަށް ފޮނުވި ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނާގޮތުން ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރުކުރުވުމާއި، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.

ސަރުކާރުން ހުށަހެޅި މި ބިލުގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ބެލެވެނީ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނުކޮށް ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން ފަދަ ކަންތަކެވެ.

މީގެ އިތުރުން އާންމުންގެ ސިއްހަތާއި ސަލާމަތަށް ބޮޑު ނުރައްކަލެއް ވާ ފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަކީ ވެސް ކުށެއް ކަމަށް ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ. އަދި ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމަކީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ އަމަލުތަކެއް ކަމަށް ބުނެފައިވެއެވެ.

މި އިސްލާހުގައި ވާގޮތުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅު ކުރުން ފަދަ ކަންކަން ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވެއެވެ. އެ ގޮތުން އެފަދަ ޖަމާއަތްތަކަށް ތާއީދުކޮށް ބާއްވާ ބައްދަލުވުންތަކުގައި އެނގިހުރެ ބައިވެރިވެ، ވާހަކަ ދެއްކުމާއި ތަގުރީރު ކުރުމާއި އަދި އަދި އެފަދަ ބައްދަލުވުންތައް ރޭވުން ނުވަތަ އިންތިޒާމު ކުރުމާއި އެ ކަމަށް އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށް ބިލުގައިވެއެވެ. އަދި މިކަންކަމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ބަންދު ކުރެވިދާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުުރުން ފޭރާން އަޅާގޮތުން ވެސް ކުށަކަށްވާކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. އިސްލާހުގައިވާ ގޮތުން އާންމު ތަނެއްގައި އެ މީހަކު ބޭނުން ކުރާ އަންނައުނެއްގައި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރަން ދޭހަވާ ގޮތަށް ލިޔުމެއް ނުވަތަ ފޮޓޯއެއް އޮތުމާއި އެފަދަ ލިޔުންތަކާއި މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ބޭނުން ކުރުމާއި އާންމު ކުރުމަކީ ވެސް ކުށެކެވެ. އެ ކުށްތަކުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ބަންދު ކުރުމެވެ.

ބޭރުގައި ހަނގުރާމަކުރަމުންދާ ދިވެހިން

ނަމަވެސް މި ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރެއް އިސްލާހުގެ ދަށުން ފުލުހުންނަށް ނުލިބެއެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން ނުވަތަ ތަމްރީނެއް ހޯދަން އުޅުނު ކަމަށް ތުހުމަތު ކުރެވިއްޖެނަމަ ކޯޓު އަމުރެއް ނެތި ހައްޔަރު ކުރެވޭނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދުކުރުމާއި، އެ މީހުންނަށް ހިތްވަރުދީ ހިޔާލު ފާޅުކުރުމަކީ ކުށެއް ކަމަށް އިސްލާހުގައިވަނީ ހިމަނާފައެވެ. ޓެރަރިޒަމްގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާއި ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމާއި ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދާން އުޅުމަކީ ވެސް ކުށެކެވެ. އަދި މިފަދަ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 20 އަހަރުގެ ޖަލު ހުކުމެއް ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

ބިލްގައިވާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައަޅާނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތައް މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު މުރާޖައާ ކުރަން ވާނެ ކަމަށް ގާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.