ސްރީލަންކާގެ ގައުމީ ކުރިކެޓް ޓީމު ޕާކިސްތާނަށް ކުރާ ދަތުރުގައި ޓެރިސްޓް ހަމަލާއެއްގެ ޝިކާރައަކަށް ވެދާނެ ކަމުގެ އިންޒާރު ލިބިފައިވާކަމަށް ސްރީލަންކާގެ ކުރިކެޓް ބޯޑުން ބުނެފިއެވެ.
މިމަހުގެ 27 އިން އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާގެ ގައުމީ ކުރިކެޓް ޓީމު ޕާކިސްތާނަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި، އެ ޓީމަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު، އިތުބާރު ހުރި ގޮތަކަށް ސްރީލަންކާގެ ބޮޑުވަޒީރުގެ އޮފީހަށް ލިބިފައިވާކަމަށް އެއިދާރާއިން ބޯޑަށް އަންގާފައިވާކަމަށާ، އަދި ހާލަތު މުރާޖައާ ކުރުމަށްވެސް އެދިފައިވާކަމަށް ސްރީލަންކާގެ ކުރިކެޓް ބޯޑުން ބުނެއެވެ.
ކަންމިހެން އޮތް ނަމަވެސް، ކުރިއަށް އޮތް މެޗުތަކާ ދަތުރު އަދި ކެންސަލްކޮށްފައެއް ނުވެއެވެ. އަދި ހާލަތު މުރާޖައާ ކުރުމުގައި ސްރީލަންކާގެ އެހީތެރިކަން ހޯދާނެ ކަމަށްވެސް ސްރީލަންކާގެ ކުރިކެޓް ބޯޑުން ބުނެއެވެ.
ޕާކިސްތާނުގައި އޮތް މެޗުތަކުގައި ބައިވެރިވުމަށް އުޒުރުވެރިވާކަމަށް ސްރީލަންކާގެ ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންވަނީ ބުނެފައެވެ. ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ހަރީން ފެނާންޑޯ ވިދާޅުވީ ޕާކިސްތާނުގައި ކުޅުމަށް ބައެއް ކުޅުންތެރިން ދެކޮޅު ހެދީ 2009 ވަނަ އަހަރުގެ ހާދިސާއަށް ރިއާޔަތްކޮށް ކަމަށާ، އެ ކުޅުންތެރިންގެ ނިންމުމާ އުޒުރަށް އިހުތިރާމްކޮށް، ޕާކިސްތާނުގައި ކުޅުމަށް އިއުތިރާޒެއް ނެތް ކުޅުންތެރިން ހިމަނައިގެން ޓީމު އެކުލަވާލާފައިވާކަމަށެވެ.
2009 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި ޕާކިސްތަނުގެ ލާހޯރުގައި ކުރިއަށްދިޔަ ޓެސްޓް މެޗެއްގައި ސްރީލަންކާގެ ގައުމީ ކުރިކެޓް ޓީމަށް ވަނީ ޓެރަރިސްޓް ހަމަލާއެއް އަމާޒުވެފައެވެ. ކުޅުންތެރިން ދަތުރުކުރަމުންދިޔަ ބަހަށް އަމާޒުކޮށް، ބަޑިހިފައިގެން ހުރި މީހަކު ދިން މި ހަމަލާގައި ޓީމުގެ 6 ކުޅުންތެރިއަކަށް އެކި ވަރުގެ ޒަހަމްތައް ލިބުނުއިރު ޕާކިސްތާނު ފުލުހުންގެ 6 މީހަކާ އާންމުންގެ 2 މީހަކު ވަނީ މަރުވެފައެވެ.
ޕާކިސްތާނަށް ދަތުރުކުރަން ހަމަޖެހުނު ސްރީލަންކާގެ ކުރިކެޓް ޓީމުގެ ބައެއް މެމްބަރުން ދަތުރަށް އުޒުރު ދެއްކީ އިންޑިއަން ޕްރިމިއާ ލީގުގެ ނުފޫޒުގައި ޖެހިގެން ކަމަށް ޕާކިސްތާނުގެ ފެޑެރަލް މިނިސްޓާ ފޯ ސައިންސް، ފަވާފް ޗޯދްރީ ވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް ސްރީލަންކާގެ ސަރުކާރުންވަނީ މި ތުހުމަތު ދޮގުކުރައްވާ، ސްރީލަންކާގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ ދިފާއުކުރައްވާފައެވެ.