ވިލާތުގެ ގައުމުތަކާއި އެމެރިކާ އަދި އިސްރާއީލާއި ރަޝިއާގެ އަސްކަރީ އަމާޒުތަކަށް ހަމަލާ ދިނުމަށް، ހަނގުރާމަވެރި ޓެރަރިސްޓް އަލްގައިދާ ޖަމާއަތުގެ ލީޑަރުގެ އައިމަން އަލް-ޒަވާހިރީ، މުސްލިމުންނަށް ގޮވާލައިފިއެވެ.

އަލްގައިދާގެ ލީޑަރު މިފަދަ ކަމަކަށް ގޮވާލީ، އެމެރިކާގެ ތާރީހު ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ގޮތުގައި ސިފަކުރަމުން އަންނަ ސެޕްޓެމްބަރު 11 ގެ ހަމަލާއަށް 18 އަހަރު ފުރުމާ ދިމާކޮށް ވާހަކަ ދައްކަމުންނެވެ.

މިސްރަށް އުފަން އޮޕަރޭޝަން ޑޮކްޓަރެއް ކަމަށްވާ އަލް-ޒަވާހިރީ، އަލްގައިދާގެ ލީޑަރުކަމާ ހަވާލުވީ، 2011 ވަނަ އަހަރު އެމެރިކާގެ އަސްކަރިއްޔާއިން ޕާކިސްތާނުގައި ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި، އަލްގައިދާގެ އިސްވެރިޔާ އުސާމާ ބިން ލާދިން މަރާލި ހާދިސާއަށް ފަހުގައެވެ.

ކަން މިހެން އޮތް އިރު، އެ ހަމަލާތަކުގައި މައުސޫމު އާންމުންގެ ފުރާނަ ގެއްލިފައިވާތީ، އެއީ ބަލައިގަނެވެން ނެތް ހަމަލާތަކެއްކަން އަލް-ޒަވާހިރީގެ ވީޑިއޯ މެސެޖުގައި ވަނީ ބުނެފައެވެ.

ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި އަލް-ޒަވާހިރީ ފިލައިގެން އުޅެނީ ޕާކިސްތާނާ އަފްޣާނިސްތާނު ހިއްސާކުރާ ސަރަހައްދީ އިމުގެ ސަރަހައްދުގައެވެ.

އަލްގައިދާއަށް ނިސްބަތްވާ އަލް-ސަހާބު މީޑިއާ ފައުންޑޭޝަނުން އާންމުކުރި 33 މިނެޓާ 28 ސިކުންތުގެ ވީޑިއޯގައި އަލް-ޒަވާހިރީ ބުނާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއަށް އަމާޒުކޮށްގެން "ޖިހާދުކުރަން" ބޭނުން ނަމަ ދުނިޔޭގެ އިރުން ހުޅަނގަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. ގައްދާރުންނާ ކޮރަޕްޓްވެފައިވާ އެމެރިކާގެ އަސްކަރިއްޔާގެ "ކުނިގަނޑުތައް" ހުރިހާ ގައުމަކަށް ފެތުރިފައި ވާކަމަށެވެ.

އަލްގައިދާ އިސްވެއޮވެ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 3000 އަށް ވުރެ މައްޗަށް އަރާއިރު، އެކަމާ ގުޅިގެން ކުރިމަތިވި އެކި ކަހަލަ ތަކުލީފުތަކުގައި އަދިވެސް ގިނަ ބަޔަކު ދަނީ އެމީހުންގެ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންނެވެ.