ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށާއި އޭނާގެ އާއިލާއަށް އިންސާފު ހޯއްދަވައި ދެއްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާއެވެ.
މީދޫ ރައްޔިތުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ހަވާސާގައި ރަށުގެ ރައްޔިތުން ވަނީ ރައީސާއި ވަކިން ބައްދަލު ކޮށް ހާއްސަ މައްސަލައެއްގެ ގޮތުގައި، އަނަސްގެ މަރުގެ މައްސަލަ ފާހަގަ ކޮށް އެމައްސަލަ ބައްލަވައި ދެއްވައި އިންސާފު ހޯއްދަވައިދެއްވުމަށް ރައީސްގެ އަރިހުގައި ވަނީ އެދިފައެވެ.
މީދޫ ރައްޔިތުންނާއި އަނަސްގެ އާއިލާގެ މީހުންގެ ވާހަކަތަކަށް ހިތްވަރު ދެއްވަމު ރައީސް ވިދާޅުވީ އަނަސްގެ މައްސަލަ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުން ގެންދާކަން ހާމަކުރައްވައި، އަނަސްގެ އާއިލާއަށް އިންސާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުތެރޭގައި އަނަސް މަރާލާފައި ވަނީ ގުރޫޕަކުން އައިސް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ. އަނަސްއަކީ މީދޫއާއި މާލެއާ ދެމެދު ދަތުރުކުރާ ފެރީގެ ކައްޕިއެވެ. އަދި އެދުވަހު އޭނާ މަރާލާފައިވަނީ އެދުވަހު މާލެއައިސް އުޅެނިކޮށެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނި އެހެން މީހެއްކަމަށް ހީކޮށެވެ. އަނަސްގެ މަރުގެ މައްސަލަ ތަފްސީލުކޮށްދެމުން މީގެ ކުރިން ފުލުހުން ބުނެފައިވަނީ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:09 ހާއިރު ހަނދުވަރުދޭ ގޯޅިން ލިޓަސް ގަރާޖަށް ވަދެ ނުކުމެ ހަދާ ދޮރާ ދިމާލު މަގުމަތީގައި ޕާކްކޮށްފައިވާ ސައިކަލެއްގެ މަތީގައި އެކަނިމާއެކަނި އަނަސް އިންދައި ހަތަރު ސައިކަލެއްގައި ފާޅުކަން ބޮޑުގޮތެއްގައި ވަޅި ހިފައިގެން އަށް މީހަކު އެ ސަރަހައްދަށް ދިޔަ ކަމަށެވެ.
އަދި އެންޒަރު ފެނިފައި އަނަސްގެ ހިތަށް ވެރިވި ބިރުވެރިކަމެއްގެ ސަބަބުން ދުވެފައި ލިޓަސް ގަރާޖު ތެރެއަށް އޭނާ ވަތް ކަމަށާއި ދެން އެމީހުން އެ ގަރާޖު ތެރެއަށް ވަދެ އަނަސް އަށް ވަޅިން ހަމަލާދިނީ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައި ވަނީ އަނަސް މަރުވެފައި ވަނީ އެ ހަމަލާއާ ގުޅިގެން ލިޓަސް ގަރާޖު ތެރެއަށް ވެއްޓި، އެތަނުގައި އޮވެ އޭނާގެ ހަރަކާތް ހުއްޓެމުން ގޮސް ކަމަށާއި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ވަޅި ހަރާލާފައިވާ ކަމަށެވެ.
އަނަސް ލިޓަސް ގަރާޖު ކައިރިއަށް ދިޔައީ އެތަނަކީ އޭނާ ކުރިން މަސައްކަތް ކޮށްފައި ވާ ތަނަކަށް ވާތީ އެތަނުގައި ތިބި ރަހުމަތްތެރިންނާ ބައްދަލުކޮށްލަން ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އަންސްއަށް ހަމަލާދިން މީހުންގެ ތެރެއިން ބައެއް މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށާއި ނަމަވެސް އެ އެންމެން ވެސް ހޯދި ދައުވާ އުފުލާފައިވާ ކަަމަށެވެ.
ނަމަވެސް އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އެންމެން ވަނި އެ ދައުވާއަށް އިންކާރު ކޮށްފައެވެ.