2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށާއި، އެވެރިކަން ދެމެހެއްޓީ ވެސް ސުޕްރީމްކޯޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ބައްދަލުވުން 2019 ފައްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާލުވީ ފުރަތަމަ ގާނޫނު އަސާސީ އައިފަހުން ދިވެހިން ގެނައި ވެރިކަން ފުރޮޅުމުން، ދިވެހިން ނުކުތީ އެމީހުންގެ ވެރިކަން ހަމަޖެއްސުމަށް ކަމަށެވެ.
ނަމަވެސް އެއަހަރުގެ އިންތިހާބު ކާމިޔާބުކުރީ ސުޕްރީމް ކޯޓުން ކަމަށާއި، އެވެރިކަން ދެމެހެއްޓީ ވެސް، ސުޕްރީމް ކޯޓުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ އާރާއި ބާރު މެދުވެރިކޮށް ދިވެހި ވެރިކަން ދަމަހައްޓަމުންދާ ދިއުމުގައި އެފަދަކަމެއްގެ ތޮބީއަތުގައި ވާނޭ ކަންކަން މިވަނީ ވަމުން ގޮސްފައި ކަމަށެވެ. އަދި ވައްކަމާއި ފަސާދަ އަދި ބޭއިންސާފާއި އަނިޔާވެރިކަން އޮތީ އާންމުވެފައި ކަމަށާއި، އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އަނެއްކާވެސް އުފެދިފައި މިވަނީ ދިވެހިން ދިވެހިރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް އެދޭ މިންވަރުގެ ބޮޑުކަމުން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނުނުއަސާސީ ވަނީ ތިންބާރު ވަކިކޮށްފައި ކަމަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދި އަދުލު އިންސާފް ގާއިމްކުރުމުގެ ބާރު ކަމަށާއި، ވަކިކޮށްފައިވާ ބާރުތައް އެއްބާރު އަނެއްބާރުގެ ތެރެއަށް ވަދެގެން ނުވާނެ ކަމަށެވެ. އަދި ވަދެއްޖެ ނަމަ މުޅި ނިޒާމް ނުއަތަށް އެނބުރޭނެ ކަމަށާއި، ނިޒާމް ނުއަތަށް އެނބުރުނީމައި، ފައްކާކޮށްފައިވާ ނިޒާމް އެ މުޖްތަމައުއެއްގެ ރައްޔިތުންނަށް ދޭ އަނިޔާއާ ކުރާ އަސަރު ފެނިވަޑައިގެންފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އިނގިލި ދިގުކުރެވެން ފެށީ ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަމާއި ނަފްރަތުގެ ނަޒަރުން ކަމަށެވެ. އަދި ފާޅުގައާއި ސިއްރުގައި ރާއްޖޭގެ ބައެއް ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ބެއްލެވީ ރިޝްވަރުގެ ހުތުރު ފައިސާގައި ޖެހުންކަމަށް ރައްޔިތުން ގަބޫލުރާ ކަމަށެވެ. އަދި ކޯޓުތައް އިސްލާހުކުރުމުގެ މަސައްކަތަކީ މި ރާއްޖެއަށް އެންމެ މުހިންމުވެފައިވާ ކަން ކަމުގައި ރައްޔިތުން ހަރު އަޑުން ބުނަން ފަށާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.