ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންގެ ހައްގުގައި ދިވެހިރާއްޖެއިން ވަކާލާތުކުރާނެ ކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.
ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އދގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖެއިން އެކި އެޖެންޑާ އައިޓަމްގެ ދަށުން ތަޤުރީރުކުރާނެކަން ހާމަކޮށް އެ ވުޒާރާއިން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިނގަމުން އަންނަ ލާ އިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އަދި ފަލަސްތީނުގައި ހިނގަމުން އަންނަ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ހާއްސަ މުހިންމުކަމެއްދީގެން ވާހަކަދައްކާނެ ކަމަށެވެ.
މީގެ އިތުރުން އެނުއަލް ޑިސްކަޝަން އޮން އިންޓިގްރޭޝަން އޮފް އަ ޖެންޑާ ޕާސްޕެކްޓިވް، ކްލަސްޓާޑް ޑައިލޮގް އޮން އެންފޯސްޑް އެންޑް އިންވޮލޮންޓޮރީ ޑިސަޕިއަރެންސަސް އެންޑް ޓްރޫތް، ޖަސްޓިސް އެންޑް ރެޕެޓްރިއޭޝަން އެންޑް އިންޑިވިޖުއަލް އިންޓަރެކްޓިވް ޑައިލޮގްއާއި ވޯކިންގް ގްރޫޕް އޮފް އާބިޓަރީ ޑިޓެންޝަން ދަށުންވެސް ދިވެހިރާއްޖެއިން ވާހަކަދައްކާނެކަމަށް ހާރިޖިއްޔާއިން މައުލޫމާތުދެއެވެ.
42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ، ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ޙަމީދެވެ. މީގެ އިތުރުން، އެ އޮފީހުގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެސެންޓޭޓިވް ޙަވްލާ އަޙްމަދު ދީދީއާއި ފަސްޓް ސެކްރެޓަރީ ޝާހިޔާ ޢަލީ މަނިކް އަދި މިނިސްޓްރީގެ ޑެސްކް އޮފިސަރު މުހައްމަދު ޝުޖާއުވެސް މި ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާކަމަށް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.
މިއަދުން ފެށިގެން މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ފެށިގެންދިޔައީ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ ރައީސް އަދި އެމްބެސެޑާ ކޮލީ ސެކް ގެ ވާހަކަފުޅުންނެވެ. މީގެ އިތުރުން، އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރު މިޝެއިލް ބެޝެލޭވެސް ވަނީ ތަގުރީރުކުރައްވާފައެވެ. ހައި ކޮމިޝަނަރުގެ ތަގުރީރުގައި، ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް އަލިއަޅުވާލެއްވުމުގެ އިތުރުން، ގައުމުތަކުން ބައިނަލްއަގްވާމީ މައިދާނުގައި އިތުރަށް މަސައްކަތްކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.