ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ 2 ބޯ ހުރި ހަރުފައެއް އެމެރިކާގެ ނިއު ޖާޒީއިން ފެނިއްޖެއެވެ.

ނިއު ޖާޒީގެ ޕައިން ބެރަންސްއިން މި ހަރުފަ ފެނިފައިވަނީ ހަރުފަތަކާ ބެހޭ ދިރާސާތަކެއް ކުރަމުންދާ ޑޭވް ޝްނެއިޑާއާއި ޑޭވް ބާކެޓްއަށެވެ. މި 2 މީހުންގެ ނަމަށް ނިސްބަތްކޮށް މި ހަރުފައަށް ދީފައިވާ ނަމަކީ "ޑަބްލް ޑޭވް"އެވެ.

ބާލިންގްޓަން ކައުންޓީގެ ހާޕެޓޮލޮޖިކަލް އެސޯސިއޭޓްސްގެ ސީއީއޯ ބޮބް ޒަޕާލޯޓީ ވިދާޅުވީ މި ހަރުފައިގެ ކޮންމެ ބޮލެއްގައިވެސް ވަކި ސިކުނޑިއެއް އިން ކަމަށާ، ދެ ބޮލުންވެސް ހަރަކާތްތެރިވަނީ މިނިވަން ގޮތެއްގައިކަމަށެވެ.

އުމުރުން އަދި މަދު ހަފުތާ ކޮޅެއްވީ މި ޑަބްލްޑޭވް ހަރުފައިގެ ދިގުމިނުގައި 9 އިންޗި ހުރެއެވެ. 2 ބޮލާއެކު އުފަންވާ މިފަދަ ޖަނަވާރުތައް ގިނަ ދުވަސްތަކެއް ވަންދެން ދިރިއޮތުމީ ނާދިރުކަމެކެވެ. އެގޮތުން ދާންވީ ކަނާއަތަށްތޯ ނުވަތަ ވައަތަށްތޯ ނިންމުން ފަދަ ނިންމުންތައް ނިންމަންވެސް މި ޖަނަވާރުތަކަށް އުނދަގޫވާނެ ކަމަށާ، މީގެ އިތުރުން، ފުރަތަމަ ކާނީ ކޮން ބޮލަކުން ތޯ ނިންމަންވެސް ބޮޑެތި ތަކުލީފުތަކެއް މި ޒާތުގެ ޖަނަވާރުންނަށް އުނދަގޫވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަތީޖާއަކަށްވަނީ ޝިކާރަވެރިންގެ އަމާޒަކަށްވުން ކަމަށްވެސް މި ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

ޑަބްލްޑޭވްގެ އަދުގެ ހާލަށް ބަލާއިރު ގަދައީ ކަނާއަތަށް އިން ބޮލެވެ. އަދި ޑަބްލްޑޭވްގެ ސިއްހީ ހާލު ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށާ، މި ތަނުން ފުރިހަމައަށް ހެދިފައިވަނީ ކޮން ފަރާތަކަށް އިން ބޮލެއްތޯ ބެލުމަށް ވަރަށް އަވަހަށް އެކްސްރޭއެއް ނެގޭނެ ކަމަށްވެސް ކަމާބެހޭފަރާތްތަކުން ވަނީ ބުނެފައެވެ.