އޭޝިއާ ފުޓުބޯޅައިގެ ސުޕާޕަވަރުގެ ގޮތުގައި އޮތް ޗައިނާއާއި ދެކޮޅަށް މާދަމާ ރޭ ދިވެހި ގައުމީ ފުޓުބޯޅަ ޓީމު ދަނޑަށް އަރަން ވާއިރަށް، ދިވެހި 12 ނަންބަރު ކުޅުންތެރިން ކަމަށްވާ ސަޕޯޓަރުން ނިކުމެ މެޗުގެ ޓިކެޓްތައް ގަނެ ހުސްކޮށްލައިފިއެވެ.

އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ މެޗަށް ޖާގަ ލިބެން އޮތީ މަދުން ކަމަށްވީ ނަމަވެސް ވިއްކަން ހަމަޖެއްސި ޓިކެޓްތައް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވިކި ހުސްވިއިރު މިއީ ފަހުގެ ތާރީހެއްގައި ދިވެހި ފުޓުބޯޅައިގެ ދުނިޔޭގައި ޖެހިވިންދެއް ނޫނެވެ.

2022 ވަނަ އަހަރު ގަތަރުގައި ކުރިއަށްދާ ދުނިޔޭގެ ތައްޓަށްކުޅޭ ފީފާ ފުޓުބޯޅަ މުބާރާތުގެ ޕްރިލިމިނަރީ ޖޮއިންޓް ކޮލިފިކޭޝަންގެ 2 ވަނަ ބުރުގައި ޗައިނާއާއި ދެކޮޅަށް ދިވެހި ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަނެފައިވަނީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ކަމާ މެދު މުޅި ގައުމު އިއްތިފާގުވާ ޢަލީ އަޝްފާގު (ދަގަނޑޭ)އަށް ގައުމީ ސްކޮޑުން ޖާގަ ލިބުނު ޚަބަރާއެކުގައެވެ.

30 އަކަށް ސިކުންތު ވަންދެން އެއްގަމު އުޅަނދެއްގައި ބަރުގަނޑު އަޅާ ނުލާ ނުތިބެވުނު ދިވެހިން، އެތައް އިރެއް ވަންދެން ޓިކެޓް ކައުންޓަރުގައި ސަފުދަމާލައިގެން ތިބި ސަބަބު ހަމާވަނީ ސޯޝަލް މީޑިއާގައި ފުރިބަންޑުންވަމުންދާ ދަގަނޑޭ ފޭނުންގެ ޕޯސްޓުތަކުންނެވެ. މި ޕޯސްޓުތަކުގައި ބުނެފައިވަނީ، މާދަމާ ރޭގެ މެޗަށް ދިވެހި 12 ނަންބަރު ކުޅުންތެރިޔާ ނިކުންނަނީ ދަގަނޑޭއަށްޓަކައި ކަމަށެވެ.

ގައުމީ ސްކޮޑުން ދަގަނޑޭއަށް މީގެ ކުރިން ފުރުސަތު ނުދިން މައްސަލާގައި އެންމެ ރުޅިގަދަވި އެއް ބަޔަކީ ދިވެހި ފުޓުބޯޅައިގެ ސަޕޯޓަރުންނެވެ. މިފަހަކުން ގަލޮޅު ދަނޑުގައި ގައުމީ ޓީމު ކުޅުނު މެޗުތަކުގައި މުޅި ދަނޑުހެން އޮތީ ހުހަށެވެ. ދަނގަޑޭ ގައުމީ ޓީމުން ދުރުކުރީ، އޭޝިއަން ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ހާޒިރު ނުވުމުންނެވެ. ދަގަނޑޭ ޓީމުން ދުރުކުރިތާ މިހާރު ވަނީ 15 ވަރަކަށް މަސްވެފައެވެ.

އަޝްފާގު އެންމެ ފަހުން ގައުމީ ޓީމާއެކު މެޗެއް ކުޅެފައި ވަނީ، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި 2017 ވަނަ އަހަރު މާޗް މަހު ފަލަސްތީން އާ ދެކޮޅަށް ފަލަސްތީންގައި ކުޅުނު މެޗުގައެވެ.

ގަލޮޅުދަނޑުގެ ބައެއް ސިޑިބަރިތައް ބޭނުން ކުރެވެން ނެތުމުން މާދަމާ ރޭގެ މެޗަށް ވިއްކާފައިވަނީ 3500އެއްހާ ޓިކެޓެވެ. މީގެ ތެރެއިން 700 އެއްހާ ޓިކެޓަކީ، މެޗު ގަވައިދު ބުނާ ގޮތުން ޗައިނާއަށް ރިޒާވްކުރަންޖެހޭ ޓިކެޓްތަކެކެވެ.