ވައަތްތެރިންނަށް އިރުޝާދު ދެވިގެންދާ ޖީންސްތައް އިންސާނުންގެ ހަށިގަނޑުގައިވާ ޑީއެންއޭގެ ތެރެއިން ސައިންސްވެރިން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މި އިރުޝާދުތަކަކީ ސިކުނޑި އުފެދިފައިވާ ގޮތާ، ސިކުނޑި މަސައްކަތްކުރާ ގޮތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ އިރުޝާދުތަކެއްކަން ސައިންސްވެރިން ވަނީ ދެނެގަނެފައެވެ. ވަކިން ހާއްސަކޮށް، ބަސްމޮށުންތެރިކަމާ ގުޅޭ ސިކުނޑީގެ ހިސާބާ މިކަމާ ގުޅުމެއްވާކަމަށް ސައިންސްވެރިން ބުނެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގައި މިދިރާސާ ކުރަމުންދާ ޓީމުން ބުނީ، ވައަތްތެރިންނަކީ މިކަމުގެ ސަބަބުން ބަސްމޮށުންތެރި ބަޔަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެމީހަކު އިސްކުރާ އަތަކާ، ސިކުނޑީގެ ތަރައްގީއާއި ގުޅިގެން ހޯދިފައި ނުވާ، އަދި ސުވާލު އުފެދޭ އާދަޔާ ހިލާފު ކިތަންމެ ކަމެއް އެބަހުއްޓެވެ.

ކޮންމެ 10 މީހަކުން 1 އަކީ ވައަތްތެރިއެކެވެ. އެއްމާބަނޑު ދެބެންގެ ޖޯޑުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ހޯދުންތަކަކުން ހާމަވެފައި އޮތް ގޮތުގައި، މިކަމާ އެކުދިންގެ މައިންބަފައިންގެ ޖީންސްއާއި ގުޅުމެއްވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލުތަކެއް ހޯދިފައެއް ނުވެއެވެ.

ވައަތްތެރިންގެ ޑީއެންއޭ ދެނެގަތް ދިރާސާކުރި ސައިންސްވެރިންގެ ޓީމުން ބަރޯސާވީ 400000 މީހުންގެ ޑީއެންއޭ ރެކޯޑްތަކަށެވެ. މީގެ ތެރޭގައި ވައަތްތެރިންގެ ގޮތުގައި ތިބީ 38000 މީހުންނެވެ. "ބްރެއިން" ޖާނަލްގައި ޢާންމުކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި، މިކަމާ ގުޅިފައިވާ މައިކަނޑު 4 "ހޮޓްސްޕޮޓެއް" ވަނީ ފާހަގަކުރެވިފައެވެ.

އިނގިރޭސި ވަލީއަހުދުގެ ދަރިކަލުން ޕްރިންސް ވިލިއަމްއަކީ ވައަތްތެރިއެއް/ފޮޓޯ: ބިޒްނަސް އިންސައިޑާ

ދިރާސާއިން ސާބިތުވި ކަންކަމަށް ހަވާލާދީ ސައިންސްވެރިން ބުނާ ގޮތުގައި ވައަތްތެރިންގެ ސިކުނޑީގެ ކަނާއަތް ފަޅިއާއި ވައަތްފަޅިއަށް ބަލާއިރު، ބަހާ ގުޅޭބައިން ސިކުނޑީގެ ދެފަޅީގެ ގުޅުން، އެނޫން މީހުންނާ ބަލާއިރު ވަރުގަދައެވެ.

ކަންމިހެން އޮތްއިރު، ވައަތްތެރިންނަށް ސީޒޯފްރޭނިއާގެ ނުރައްކާ ބޮޑު ކަމަށާ، ނަމަވެސް، ޕާކިންސަންސް ޑިޒީސްގެ ނުރައްކާ ކުޑަކަމަށްވެސް ސައިންސްވެރިން ލަފާކުރެއެވެ.

ގިނަ ސަގާފަތްތަކުގައި ވައަތްތެރިންނަކީ އެނޫން މީހުންނާ ބަލާއިރު "ދަށް" ބައެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ. އިނގިރޭސި ބަހަށް ބަލާއިރު، ކަނާއަތަށް "ރައިޓް-ހޭންޑް" ކިއަނީވެސް، "ރަނގަޅު" އެ މަނާގައި ކަމަށްބުނެވެއެވެ. ހަމަ މިފަދައިން ފަރަންސޭސި ބަހުގައި ވައަތްތެރިންނަށް ބޭނުންކުރާ ލަފުޒުގެ މަނާއަކީ ފަސޭހައިން ގޯސްހެދޭ މީހުންނާ އެއް މާނައެއްގައި ބޭނުންކުރާ ލަފުޒެކެވެ.