މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަހުގީގު ކުރި ރިޕޯޓުގައި ބުނެފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް، ނެޝަނަލް ކައުންޓަޓެރަރިޒަމް ސެންޓަރުން މަސައްކަތް ކުރަން ފަށާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދުއާ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި، އެމްއެންޑީއެފްގެ އެންމެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމަށްފަހު އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުން މިކަމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށާ، ކައުންޓަޓެރަރިޒަމް ސެންޓަރުން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރަން ފަށާފައި ވާކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ކޮމިޝަނުން ނެރެފައިވާ އިންޓެރިމް ރިޕޯޓާމެދު އިސްވެރިން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި، ހައްދުފަހަނައަޅާ ދިޔުމާއި ވަޔަލެންޓް އެކްސްޓްރީމިޒަމްގެ އަމަލުތައް ދިވެހިރާއްޖޭގައި ހިނގާކަމީ، އެބޭފުޅުން އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމުގައި ފާހަގަ ކުރައްވަފައި ވެއެވެ.

"މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަންކަމަށްވާތީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ކަމާބެހޭ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސުލްހަވެރި، އަމާން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށްޓަކައި، ރައީސް ގެންގުޅުއްވާ "ޕޮލިސީ އޮފް ޒީރޯ ޓޮލެރަންސް އޮން ޓެރަރިޒަމް" ތަންފީޒުކުރުމަށްޓަކައި، މިހާރުން މިހާރަށްވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަގީންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރުވަމެވެ،"
ޑިފެންސް

މަރުކޮމިޝަނުން ތަހުގީގު ކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، މިނިިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށްނަގާ އޭނާ މަރާލާފައިވަނީ ހަރުކަށި ވިސްނުމުގެ ޖަމާއަތަކުން ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ ވިސްނުމުގެ މީހުން ތިބި ކަމަށާއި، އެ ޖަމާއަތްތަކަށް ފަންޑްކޮށްދޭ މީހުންވެސް އެބަތިބި ކަމަށެވެ.