ކުރީގެ ރައީސް އަދި ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީން އަރިހުގައި މިހާރު ވެސް ހުންނެވީ އާއިލާގެ ދެފަރާތުގައި ވާހަކަތައް ދެކެވޭ މީހެއްގެ ހައިސިއްޔަތުން ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ބައްޕާފުޅު ޖަލަށްލެވި އާއިލާއަށް އެންމެ ނިކަމެތިކަން ލިބިގެންދިޔަ ދުވަހު އެކަމާ ބަސް ވިދާޅުނުވެ، ޔާމީންގެ ފަޅީގައި ހުންނެވި ޢައްސާން ވިދާޅުވީ މަސްލަހަތު ހައްލުކޮށް އާއިލާގެ އެންމެން އެކުގައި ގުޅިގެން ކުރިއަށް ދިއުމަކީ އޭނާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.

އާއިލާއަށް ނިކަމެތިކަން ލިބިގެންދިޔަ ދުވަހު ޔާމީންގެ ފަޅީގައި ހުންނެވި ސަބަބު އޮޅުންފިލުވައި ދެއްވަމުން ޣައްސާން ވިދާޅުވީ އޭނާއަކީ އެހާ އަވަސް އަވަހަށް ކުއްލި ކުއްލިއަށް ބަދަލު އަންނަ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީނާ ބައިއަތު ހިފީ 2013 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުންނަވަން ހަމަޖެހުނު ހިސާބުން ކަމަށެވެ.

"2013 ވަނަ އަހަރު ރިޔާސީ އިންތިހާބަށް ނުކުންނަވަން ދަންނަވަން ރައީސްގެ އަރިހަށް ދިޔައީ ފަސް މީހުންގެ ޓީމެއް. އޭގެ ތެރެއިން އެކަކީ އަޅުގަނޑު. އެދުވަހުން ފެށިގެން އަޅުގަނޑު ހިތަށް އަރާފައި އޮތް ގޮތަށް އިހްލާސްތެރިކަމާއެކު ރައީސް ޔާމީންގެ އަރިހުގައި މަސައްކަތްކުރެވޭތޯ މި ބެލީ،"
ޣައްސާން

ޣައްސާން ވިދާޅުވީ އާއިލާގެ ތެރޭގައި ދިމާވި މައްސަލަތަކުގެ ތެރޭގައި އެއިރު އަދި މިހާރު ވެސް ރައީސް ޔާމީންގެ އަރިހުގައި ހުންނަވަނީ އާއިލާގެ ދެފަރާތުގައި ވާހަކަތައް ދެކެވޭ މީހެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި މައްސަލަތައް އަދިވެސް ހައްލުކޮށްފައި އެއްކޮށް ކުރިއަށް ވަޑައިގަތުމަކީ ވަރަށްބޮޑު އުއްމީދެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ ދެ ފަރާތުގައި ދުއްވާ ކަނދުފައްޗެއް ވިއްޔާ ކަނދުފައްޗެއް ނުވަތަ ބޮއްކުރާއެއް ވިއްޔާ ބޮއްކުރާއެއް. ދެފަރާތުގެ މެދުގައި މެސެންޖާއެއްގެ ގޮތުގައި މަސައްކަތް ކުރެވޭތޯ ބަލަނީ،"
ޣައްސާން

ޣައްސާން މިހެން ވިދާޅުވިއިރު، ބޮޑުބޭބޭފުޅު ޔާމީންގެ ވެރިކަމުގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ބައްޕާފުޅު މައުމޫން ޖަލަށްލެވި އެތައް އަނިޔާއެއް ކުރިމަތިވެވަޑައިގެންނެވި އިރު ވެސް ޣައްސާން އެކަމާ ބަސް ބުނެފައި ނުވެއެވެ. އަދި ބައްޕާފުޅު މައުމޫން އާލާސްކަންފުޅާ ޖަލުގައި އޮންނަވާ ޑޮކްޓަރުންގެ ލަފަޔާއެކު ގެއަށް ބަދަލުކޮށްދިނުމަށް އެދި، ސަރުކާރުން އެކަން ނުކުރުމުން ވެސް ޣައްސާން އެކަމުގައި ބަސް ބުނެފައި ނުވެއެވެ.

ޣައްސާން ހުންނެވީ މި ހުރިހާކަމެއްގައި ވެސް ހަނެވެ. ބައެއް ފަރާތްތަކުން އެއިރު ބުނަމުން ދިޔައީ ޣައްސާންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ވާތީ، އެކަމާ ބަސް ނުބުނެ ހުންނަވަނީ ކަމަށެވެ. ނަމަވެސް އޭނާ ވަނީ ދާދިފަހުން އެކަން ދޮގުކުރައްވާފައެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.