މިއަހަރުގެ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން 293 މީހަކު ހައްޔަރުކޮށްފައިވާކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

ފަހުގެ ތާރީހެއްގައި ދެކުނު އޭޝިއާ ބައްރު ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު އާންމުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ވިދާޅުވީ، ޝަރިޔަތް ފެށެންދެން 115 މީހަކު ހައްޔަރުކޮށްފައި ތިބިއިރު، އިތުރު 178 މީހަކު، ސުވާލު ކުރުމަށް ހައްޔަރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ޓެރަރިސްޓް ހަމަލާތަކުގެ ތުހުމަތު އަމާޒުވާ މީހުންނާ ގުޅުންހުރި އެސެޓްތަކެއް ފްރީޒް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާ، މި އެސެޓްތަކުގެ އަގު، 6 ބިލިއަން ސްރީލަންކަން-ރުޕީޒްއަށް އަރާ ކަމަށްވެސް ގުނަސޭކަރަ ވަނީ ހާމަކުރައްވާފައެވެ. ތުހުމަތު އަމާޒުވާ 41 މީހަކާ ގުޅުން ހުރި ބޭންކް އެކައުންޓްތަކެއް މިހާރުވެސް ވަނީ ފްރީޒްކޮށްފައެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާގައި 258 މީހެއްގެ ފުރާނަ ގެއްލި، 500 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖިސްމާނީ އަނިޔާ ލިބިފައެވެ. މި ހަމަލާތަކުގެ ސަބަބުން ނަފްސާނީ އަނިޔާ ލިބުނު މީހުންގެ ތަފާސް ހިސާބެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ ސްރީލަންކާގައި ހަރަކާތްތެރިވާ ހަރުކަށިފިކުރުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތުންނެވެ. މި ޖަމާއަތަކީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތަށް ބައިޔަތު ހިފާފައިވާ ޖަމާއަތެކެވެ.