ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕްރޮފެސަރު މައިތިރީ ވިކްރަމަސިންހައަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ވިދާޅުވުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. އެއަށްފަހު، ސްކޫލް ކުދިންތަކެއް ވަނީ ސަގާފީ އައިޓަމެއް ހުށަހަޅައިދީފައެވެ. މި ރަސްމިއްޔާތުގައި، ރައީސް އާއި ލަންކާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 07 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ލަންކާއާއި ދިވެހިރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނާއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސްގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ލަންކާގެ ބޮޑުވަޒީރަށް ތައާރުފުކޮށް އެރުވުންވެސް އޮތެއެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސަށް ތައާރުފުކޮށް އެރުވުން ވެސް އޮތެވެ.

މަރުހަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތަށްފަހު، ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސްގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސް އޮފީހަށެވެ. ރައީސްގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ލަންކާގެ ބޮޑުވަޒީރު ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމާއި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ އިތުރުން މި ދަތުރުފުޅާއި ބެހޭގޮތުން ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް މީޑިޔާއަށް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި މި މަހުގެ 3 އިން 4 އަށް ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސް ޗެއާ ކުރައްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.