ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑާ ކުރުމަށް އެހީތެރިވެދި ނުމާއި، ދައުލަތުގެ އިދާރާ އަކަށް ދޮގު މައުލޫމާތު ދިން މައްސަލައިގެ އަޑު އެހުމެއް މިއަދު ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން އޮންނާނީ މެންދުރު ފަހު 1 ޖަހާ އިރުއެވެ.

އާޒިމާގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުމުގައި ހެކީގެ ގޮތުގައި ރައީސް ޔާމީނުގެ ނަންފުޅުވެސް ހުށަހަޅަފައިވެއެވެ. ޔާމީންގެ ވަކީލުކަން ވެސް ކުރިން ކުރެއްވި އާޒިމާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަންފުޅު ހުށަހަޅާ ވާފައިވާ އިރު، އާޒިމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވަނީ ވެސް ރައީސް ޔާމީނަށް ތުހުމަތުވާ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެންނެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށް ދެއްވާފައި ވަނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. އަދި އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ އޭސީސީން ބަލަމުން ދަނިކޮށް، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ ކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ.